Landing page banner

ފ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް “ޔޫސް އޮފް ފޯސް ރިފްރެޝަރ” ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

ފ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް “ޔޫސް އޮފް ފޯސް ރިފްރެޝަރ” ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

 

މި ތަމްރީނަކީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންގެ ގާބިލުކަން އިތުރުކޮށް، އިންތިހާބަށް ފުލުހުން ތައްޔާރުކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ.

 

މި ހިނގާ މާރިޗު މަހުގެ 11 އިން 17 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ފުލުހުންގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ އިތުރުން، ބާރުގެ ބޭނުންކުރުމާއި، ހަތިޔާރު ގެންގުޅޭނެ އުސޫލުތަކާއި، ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކާ ގުޅޭގޮތުން މައުލޫމާތުދީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

 

މީގެ އިތުރުން، އެކި ހާލަތްތަކާ ގުޅޭ ސިނާރިއޯތައް ބޭނުންކޮށްގެން، އެފަދަ ދަނޑިވަޅުތަކުގައި ބާރުގެ ބޭނުންކުރާނެ ގޮތްތަކާއި ހަތިޔާރު ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތަކުގެ ތަމްރީނުތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.