
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެމީހުން ހައްޔަރުކޮށްފިއެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން މަގުމަތި ޕެޓްރޯލުކުރުމުގެ ތެރޭގައި، ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.
މާރިޗު 18 ވަނަ ދުވަހުގެ ރޭ ހުޅުމާލެ މިދިލިމަގުން ސައިކަލެއްގައި ދަނިކޮށް އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 87 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 143.4 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. ގަން / ތުނޑި. ލިންކް، އަޙްމަދު ޒަޔާން (25އ) އާއި ރ. މަޑުއްވަރި / ޑްރީމް، ޙުސައިން އިޔާދު (23އ) އެވެ. މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.