Landing page banner

ދެރަށަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

އއ. ހިމަންދޫ އަދި ދ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

 

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ބީޗްހައުސް، އިބްރާހީމް އަޝްރަފް (41އ) އާއި މުހައްމަދު މައިނުއްދީން، ބަންގްލަދޭޝް (35އ) އެވެ. މި ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ މި މާރިޗު މަހުގެ 22 ވަނަ ދުވަހުއެވެ.

 

މި ދެމީހުންގެ ތެރެއިން އިބްރާހީމް އަޝްރަފް ހައްޔަރުކޮށްފައިވަނީ ދ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ. މީދޫ މަގުމަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

 

މުހައްމަދު މައިނުއްދީން ހައްޔަރުކޮށްފައިވަނީ އދ. ހިމަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ. ހިމަންދޫ ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 20 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

 

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު މައިނުއްދީން ހަތްދުވަހަށް އަދި އިބްރާހީމް އަޝްރަފް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

 

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.