Landing page banner

ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ އަކީ ދިވެހި ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ދަރިއެއް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަމޫނާ އައްޑަނައެއްގެ ގޮތުގައި ދިވެހި ފުލުހުން އަބަދުވެސް ދެކެމުން އަންނަ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަބްދުއްޝަކޫރު ޢަބްދުﷲ އަކީ ޚުލުގުހެޔޮ ނަމޫނާ ބޭފުޅެކެވެ. މަޑުމައިތިރިކަމާއި އަދަބު އިޚުތިރާމާއެކު އަނެކުންނާއި މުޢާމަލާތްކުރުމުގައި ދެވަނައެއް ނެތް ބޭފުޅެކެވެ.

ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ ޤައުމީ ޚިދުމަތް ފަށްޓަވާފައިވަނީ ދިވެހި އަސްކަރިއްޔާއިންނެވެ. މަޖީދިއްޔާ ސުކޫލުން ތަޢުލީމު ހާސިލުކުރެއްވި ޢަބްދުއްޝުކޫރު ޢަބްދުﷲ ދިވެހި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 30 ޑިސެންބަރު 1965 ގައެވެ. އޭރު ފުލުހުންގެ ޚިދުމަތް ދެމުން ގެންދަނީ ނެޝަނަލް ސެކިއުރިޓީ ސަރވިސް ނުވަތަ ސިފައިންގެ ތެރެއިންނެވެ. ސިފައިން ޔުނިޓްތައް އުފެދި ތަރުތީބުވެގެން އައިއިރު ފުލުހުންގެ ޚިދުމަތް އޮތީ ސިފައިންގެ ވަރަށް މުހިންމު ޔުނިޓެއްގެ ގޮތުގައެވެ. އެ ދުވަސްވަރުން ފެށިގެން ވެސް ޢަބްދުއްޝުކޫރު ޢަބްދުﷲ ޚިދުމަތް ކުރައްވަމުން ގެންދެވީ ފުލުހުންގެ ތެރޭގައެވެ.

 

1 ސެޕްޓެންބަރު 2004 ގައި ސިފައިންނާއި ފުލުހުން ވަކި ކުރައްވައި ފުލުހުންގެ ޚިދުމަތަކީ ވަކި މުއައްސަސާ އެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން ޢަބްދުއްޝުކޫރު ޢަބްދުﷲ، ދިވެހި ފުލުހުންގެ ޚިދުމަތަށް ބަދަލުކުރެއްވިއެވެ. ދިވެހި ސިފައިންގެ ޚިދުމަތުގައި 38 އަހަރާއި 8 މަހާއި 2 ދުވަހު ޚިދުމަތް ކުރައްވައި، 31 އޮގަސްޓް 2004 ގައި ދިވެހި ސިފައިންގެ ޚިދުމަތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ބަދަލުކުރެއްވިއިރު ހުންނެވީ ލެފްޓިނަންޓް ކާނަލްގެ ރޭންކުގައެވެ. އެމަނިކުފާނުގެ ސިފައިންގެ ސަރވިސް ނަންބަރަކީ 163 އެވެ.

މަޖީދިއްޔާ ސުކޫލުން ސިފައިންގެ ޚިދުމަތަށް ގެންނެވި 3 ވަނަ ބެޗުގައި ހިމެނިވަޑައިގެންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ ފުރަތަމަ މަސައްކަތް ކުރެއްވީ ދިވެހި އަސްކަރިއްޔާގައި ސިފައިންގެ މީހެއްގެ ރޭންކުގައެވެ.  އޭގެފަހުން، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ 4 ނަންބަރު ސަރުދާރު ކަމާއި، ކޯޕްރަލް ކަމާއި، ސަރޖަންޓް ކަމާއި، ސްޓާފް ސަރޖަންޓް ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖަރ ކަމުގެ ރޭންކް ފުރުއްވައިފައި ވެއެވެ. ސިފައިންގެ ޚިދުމަތުގައި އެންމެ ފަހުން ހުންނެވީ ލެފްޓިނަންޓް ކާނަލް ކަމުގެ ރޭންކުގައެވެ. އެމަނިކުފާނު ސިފައިންގެ ޚިދުމަތުގައި އުޅުއްވިއިރު ލެފްޓިނަންޓްގެ ރޭންކުން ފަސްޓް ލެފްޓިނަންޓްގެ ރޭންކަށް މަޤާމުގެ ކުރިއެރުން ދެއްވީ 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއަށްފަހު ސިފައިންނަށް މަޤާމުގެ ކުރިއެރުން ދެއްވިއިރުގައެވެ.

ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު ފުލުހުންގެ ތެރޭގައި ފުރަތަމަ މަސައްކަތް ކުރެއްވީ ވައްކަމާ ބެހޭ ބައިގައެވެ. އޭގެފަހުން 1978ގެ ފަހުން ފުލުހުންގެ މަސައްކަތް ތަރުތީބު ކުރެވެމުން ދިޔައިރު ޢަބްދުއްޝުކޫރު ޢަބްދުﷲ ހުންނެވީ ޝަރުޢީގޮތުން މަނާ، ދީނާ ޚިލާފު މައްސަލަތައް ބަލާ ބައިގެ ވެރިޔާގެ މަޤާމުގައެވެ. އޭގެފަހުން ފުލުސް އޮފީހުގެ ތަފާތު ބައިތަކުގައާއި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. ސިފައިންގެ ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ ފުލުހުންގެ ތަހުގީގުގެ ދާއިރާގައެވެ. ޢަބްދުއްޝުކޫރު ޢަބްދުﷲ އަކީ 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގެ ތަޙުޤީޤު ޓީމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.  އޭގެފަހުން ފުލުހުންގެ އިސް މަޤާމްތަކަށް ގެނެވުނު ބަދަލުތަކުގެތެރޭގައި 02 ޑިސެންބަރު 1995 ވަނަ ދުވަހު ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރުގެ މަޤާމަށް ލ.ކާނަލް ޢަބުދުއްޝަކޫރު ޢަބްދުﷲ ހަމަޖެއްސެވިއެވެ.

 

ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ ވަނީ އެން.އެސް.އެސްގެ ދުވަސްވަރު، ފުލުހުންގެ ޚިދުމަތުގައި ހުންނަވައިގެން ސާރުކާރުގެ އެދިވަޑައިގަތުމަށް ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ކޮމިޝަނަރގެ މަޤާމު ފުރުއްވާފައެވެ. ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ބޮޑުވެ، މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންނާއި މީހުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ އެކަން ކޮންޓްރޯލްކުރުމަށް ސަރުކާރުން އުފެއްދެވި އިދާރާ ހިންގެވުމުގައި އެ މަނިކުފާނުގެ ފަރާތްޕުޅުން ފެނިގެން ގޮސްފައިވަނީ އިޚްލާޞްތެރިކަމާއެކު ޚިދުމަތަށް ދެއްވި އިސްކަމެވެ. އެގޮތުން 1998 ވަނަ އަހަރު ކ.ހިންމަފުށީގައި ހުންނަ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ މުވައްޒަފުންނަށާއި މާލެއާއި އަތޮޅުތެރޭގައި މަސްތުވާތަކެއްޗާއި ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގުރާމްތައް ހިންގެވިއެވެ. ވަކިން ހާޢްޞަކޮށް 01 ޖުލައި 1998 ން 15 އޮގަސްޓް 1998 އަށް އޮޕަރޭޝަން ”އަތްފުނާ” ގެ ނަމުގައި މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި ވިއްކާ މީހުން އަތުލައިގަތުމަށްޓަކައި ހިންގި ހާއްޞަ އޮޮޕަރޭޝަން ފާހަގަކޮސްލެވެވެ.

 

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަކީ ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގެ ފަލްސަފާ ފުލުހުންގެ ޚިދުމަތަށް ތަޢާރަފުކުރެއްވި މޭސްތިރިއެކެވެ. އެގޮތުން 1995 ގެ ޑިސެންބަރު މަހުގެ ތެރޭގަގައި ޖައިކާ (ޖަމާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ) އާއި ސިންގަޕޯރ ޕާރޓްނަރޝިޕް  ޕްރޮގުރާމްގެ ދަށުން ސިންގަރޕޯގައި އޮތް ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގ އާ ބެހޭ ވާރކްޝޮޕެއްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ ބައިވެރިވެ ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ އައިސް އެ ވާރކްޝޮޕާއި ބެހޭގޮތުން ހުށަހެޅުއްވި ރިޕޯރޓްގައި މި އައު ފަލްސަފާގެ އަހަންމިއްޔަތު ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައިވެއެވެ. އެގޮތުން ރާއްޖެ ފަދަ ކުޑަ  އަދި މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އޮންނަ ގާތްގުޅުމުގެ މިންވަރު ބޮޑު ޤައުމަކަށް އެފަދަ ޚިދުމަތެއްގެ މުހިންމުކަން މި ރިޕޯޓުން ފާހަގަކުރެވުނެވެ. އެހެންކަމުން މުޖުތަމައާ ގުޅިގެން މަސައްކަތް ކުރާނެ ޕޮލިސް ޕޯސްޓްތަކެއް ”ވިލީ ފުލުސް” ގެ ނަމުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމް ކުރުމުގެ މަސައްކަތް ފެށުނެވެ.  އަދި 25 ފެބްރުވަރީ 1998އިން 30 މެއި 1998 އަށް ވިލީ ފުލުސްތަކުގައި މަސައްކަތްކުރާ ފުލުހުންނަށް ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގގެ ހުނަރުތައް އިތުރުކުރުމުގެ މަޤްޞަދުގައި ކްލާސްތަކެއް އަބްދުޝަކޫރު އަބްދުﷲ އިސްވެ ހުންނަވައިގެން ވަނީ ހިންގަވާ ދެއްވާފައެވެ.

 

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ، އެން.އެސް.އެސް ދައުރު ޚިދުމަތް ކުރެއްވި ދުވަސްތަކުގައި ފާހަގަ ކުރެވިފައިވަނީ ހަވާލުކުރެވުނު ކޮންމެ ކަމެއް ތެދުވެރިކަމާއި ވާފަތެރިކަމާއި އިޚްލާޞްތެރިކަމާއި، މުރާލިކަމާއި، ހީވާގިކަމާ އެކު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ހަވާލުކުރެއްވި އެއްވެސް ކަމަކަށް، އެއްވެސް ފަހަރަކު ނޫނެކޭ ވިދާޅުނުވެ ޤައުމަށް ޚިދުމަތްކުރެއްވި ޤައުމު ދެކެ ލޯބިވާ އަދި އަސްކަރީ ހެވިކަމަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުރި ބޭކަލެއްގެ ގޮތުގައެވެ. ދީނަށް ލޯބިކުރެއްވި، ކެތްތެރި، މަޑުމައިތިރި އަދި ރިވެތި އަޚުލާޤެއްގެ ވެރި ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ.

ސިފައިންގެ ޚިދުމަތުގައި ހުންނެވި ދުވަސްތަކުގައި ސިފައިންނާއި ފުލުހުންގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރާ ބައެއް ބޯޑުތަކާއި ކޮމެޓީތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން އޭރު ސިފައިންގޭގައި އޮންނަ އެންމެ އިސް އެއް ބޯޑުކަމުގައިވާ ސްޓާފް ބޯޑުގައާއި ސިފައިންގެ ތާރީޚު ކޮމެޓީގައި ވަނީ މަސައްކަތް ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ދިވެހި އަސްކަރީ ތާރީޚު ލިޔެ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ސިފައިންގެ ޚިދުމަތަށް ފަހުގައި ވެސް ދެމި ހުންނެވިއެވެ.

 

ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ، ސިފައިންގެއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ދިވެހި އަސްކަރިއްޔާއިން ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 ކުލައާއި، 8 މެޑެލި ދެއްވާފައިވެއެވެ. އެމަނިކުފާނު ހާސިލުކުރައްވާފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަޚުލާޤީ ކުލަ (ދެފަހަރަށް) ހިމެނެއެވެ. ހާސިލުކުރައްވާފައިވާ މެޑެލިތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލި، އަޚުލާޤީ މެޑެލި، 3 ނޮވެންބަރުގެ މެޑެލި އަދި ސައްތައިގެ މެޑެލި ހިމެނެއެވެ.

 

ދިވެހި ފުލުހުންގެ ޚިދުމަތް 01 ސެޕްޓެންބަރު 2004 ވަނަ ދުވަހު އުފައްދަވައި އެ މުއައްސަސާއަށް ޢަބްދުއްޝުކޫރު ޢަބްދުﷲ ހަމަޖެއްސެވީ ސީނިއަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކަށެވެ. 2008 އޮގަސްޓު 5 އިން ފެށިގެން 04 މާރިޗު 2009 ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ހުންނެވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި ޢަބްދުއްޝަކޫރު ޢަބްދުﷲ ވަނީ ފުލުހުންގެ ޕްރޮމޯޝަން ބޯޑުގެ ޗެއަރމަން ކަމާއި، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް ކަމާއި، ޑިސިޕްލިނަރީ ބޯޑުގެ ވައިސް ޗެއަރމަންކަން ކުރައްވާފައެވެ. މީގެއިތުރުން ދިވެހި ފުލުހުންގެ ކުރިއެރުމާއި ތަރައްޤީއަށް އިހްލާސްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވެއެވެ. ވަކިން ހާއްޝަކޮށް އެމަނިކުފާނު އިުސްވެ ހުންނަވައިގެން މުޖުތަމައާއި ގުޅިގެން ” އެންމެން ގުޅިގެން ކުށް މަދުކުރެވޭނެ” މި ޝިޔާރުގެ ދަށުން މާލެއާއި އަތޮޅުތަކުގައި ތަފާތު ކޮމިއުނޓީ ޕްރޮގުރާމްތައް ހިންގަވާދެއްވާފައިވެއެވެ.  ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުންނަވައި ޢަބްދުއްޝުކޫރު ޢަބްދުﷲ ވަނީ ފުލުހުންގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެލި ހާސިލުކުރައްވާފައެވެ. ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ޢަބްދުއްޝުކޫރު ޢަބްދުﷲ އަށް 2024 ވަނަ އަހަރު ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ 01 ސެޕްޓެންބަރު 2004 ވަނަ ދުވަހުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުގައި 4 އަހަރާއި 6 މަސްދުވަހާއި 4 ދުވަހު ޚިދުމަތް ކުރެއްވިއެވެ. ޑެޕިއުޓީ ކަމިޝަނަރގެ މަޤާމުގައި ހުންނަވައި ޝަރަފުވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 4 މާރިޗު 2009 ގައެވެ. އެމަނިކުފާނު ވަނީ ދިވެހި އަސްކަރިއްޔާގައާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި ދިވެހި ދައުލަތަށް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ޖުމުލަ 43 އަހަރާއި 2 މަހާއި 5 ދުވަހު ޚިދުމަތް ކުރައްވާފައެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިންޑިއާގެ ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލްގައި 24 މާރިޗު 2026 ވީ އަންގާރަ ދުވަހުއެވެ. ފަސްދާނުލެވިފައިވަނީ 25 މާރިޗު 2026 ވީ ބުދަ ދުވަހުގެ ހަވީރު މައްޗަންގޯޅި އާސަހަރާގައެވެ. އެ މަނިކުފާނުގެ ލޮބުވެތި ޢާއިލާއަށާއި ދިވެހި ފުލުހުންނާއި ސިފައިންނަށް ތަޢުޒިޔާ ދަންނަވަމެވެ.

 

އަޅުގަނޑުމެންގެ ދުޢާއަކީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ ކޮށްދެވި ޤައުމީ ޚިދުމަތުގައި ބަރަކާތްލައްވައި، އެމަނިކުފާނުގެ ފުރާނަ ފުޅަށް ސުވަރުގޭގެ އެންމެ މަތިވެރި ނިއުމަތް މާތްﷲ މިންވަރު ކުރެއްވުމެވެ. އާމީން.