Landing page banner

ކުޑަކުދިން އެކްޕްލޮއިޓްކޮށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކުޑަކުދިން އެކްސްޕްލޮއިޓްކޮށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރިހިދޯދި / ގދ.ފިޔޯރީ، މޫސަލް މުޢީން (37އ) އެވެ.

 

އޭނާ ހައްޔަރުކޮށްފައި ވަނީ، ކުޑަކުއްޖެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ކުއްޖާ ގުރޫމްކޮށް އެކްސްޕްލޮއިޓްކުރުމަށް މަސައްކަތްކުރުމާއި، ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށް ގެންގުޅުމާއި ކުޑަކުދިންނާއެކު ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. 

 

މޫސަލް މުޢީން ހައްޔަރުކޮށްފައިވަނީ 2026 މާރިޗު 25 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް 2026 މާރިޗު 25 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

 

ކުޑަކުދިންނާ ގުޅޭ މިފަދަ މަންޒަރުތައް ގެންގުޅުމާއި ފެތުރުން ހިމެނޭހެން، އެ ކުދިންނާ ގުޅުންހުރި އެންމެހައި ކުށުގެ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ މައްސަލަތަކެކެވެ.

 

މި މައްސަލަ ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުންނެވެ.