Landing page banner

ފުލުހުންގެ ތާރީހުގެ ތެރެއިން އަތޮޅުތަކުގައި ފުލުހުންގެ ހިދުމަތް ގާއިމުވެގެންދިއުން

ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީއެއް އުފެއްދެވީ ޝަމްސުއްދީން ރަސްކަމުގައި އެ ރަސްގެފާނުގެ އަމުރުފުޅަށެވެ. މި ގާނޫނު އަސާސީ އިއުލާނުކުރެއްވީ 22 ޑިސެންބަރު 1932 ގައެވެ. (2 ޛުލްޙިއްޖާ 1351 ގައި ރަދުން މި ގާނޫނު ތަސްދީގު ކުރެއްވި ނަމަވެސް މި ގާނޫނު އަސާސީ ފުރަތަމަ ފަހަރަށް އިއުލާންކުރެވުނީ 2 ޝަޢުބާން 1351 ގައެވެ). ރަދުން މި ގާނޫނު ތަސްދީގުކުރެއްވުމާ ގުޅިގެން 29 މާރިޗު 1933 ގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ފުލުހުންގެ ހިދުމަތް ތައާރަފުވެގެން ދިޔައެެވެ. ނަމަވެސް އޭރު ފުލުހުންގެ ހިދުމަތް ދެމުން ގެންދަނީ ފުރަމާލޭގައެވެ. އަތޮޅުތެރެއަށް ފުލުހުން ދަނީ ރަށެއްގައި ބޮޑު މައްސަލައެއް ހިނގައިފިނަމަ އެކަން ބަލައި ތަހުގީގުކުރުމަށެވެ. ނަމަވެސް ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުނުއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު މިވަނީ ފުލުހުންގެ ހިދުމަތް ދޭން ފަށާފައެވެ. އެހެންކަމުން މި ލިޔުމުގައި އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ގާއިމުވެގެން ދިޔަގޮތުގެ މައްޗަށް ކަޅި ހިންގައިލާނަމެވެ.

 

މީލާދީން ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރު ސިފައިންގެ ހިދުމަތަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުނު ހާއްސަ ޖަލްސާގައި ފުލުހުންނާއި ސިފައިންގެ އެންމެ މަތީވެރިޔާ، ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް ވާހަކަފުޅުދައްކަވަމުން، ފުލުހުންނާއި ސިފައިންގެ ހިދުމަތް ވީހާގާތުން އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މުޅި ރާއްޖެއަށް ފުލުހުންނާއި ސިފައިންގެ ހިދުމަތް ފުޅާކުރައްވަން ބޭނުންފުޅުވާކަން އިއުލާނުކުރެއްވިއެވެ. އެ މަނިކުފާނުގެ އެ ނިންމެވުމާ ގުޅިގެން ފުލުހުންނާއި ސިފައިންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، ފުލުހުންގެ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފުލުހުންގެ ހިދުމަތަށް 60 އަހަރު ފުރުނުއިރު، އަތޮޅުތެރޭގައި ފުލުހުން ގާއިމުވެ ތިބެ ހިދުމަތްދޭން ފެށުނެވެ. އެއީ އެދުވަސްވަރު ސ. ގަމުގައި ހުންނަ އެން.އެސް.އެސްް. ރީޖަނަލް ހެޑްކުއޯޓާޒްގައި 06 އޮކްޓޫބަރު 1993 ގައެވެ.

ދިވެހި ސަރުކާރުން މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދެއްވުމަށް ފެއްޓެވި ޕްރޮގްރާމްގެ ދަށުން ދެން ފެނިގެން ދިޔައީ އައްޑޫ ސިޓީގެ އިތުރުން އިތުރު ފަސްރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ހިދުމަތް ދެމުން ދިޔަ މަންޒަރެވެ. އެ ރަށްތަކަކީ،  ބ. އޭދަފުށި، އދ. މަހިބަދޫ، އއ.ރަސްދޫ، ޏ. ފުވައްމުލައް އަދި ހދ. ކުޅުދުއްފުއްޓެވެ. މި ރަށްތަކުގައި ޒަމާނީ ފެންވަރުގެ މަރުކަޒުތައް ގާއިމުކުރެވި އެ ތަންތަނުގައި ފުލުހުންގެ ހިދުމަތް ދެވެން ފެއްޓުމުގެ އަމާޒަކަށްވީ ދިވެހި ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން އަތޮޅުތަކަށް ފޯރުކޮށްދިނުމެވެ.

 

ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ ހިދުމަތަކަށް 1 ސެޕްޓެންބަރު 2004 ގައި ބަދަލުވުމަށްފަހު، އަތޮޅުތެރެއަށް ރީޖަނަލް ޕޮލިސްގެ ނަމުގައި ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ހަމަޖެެއްސުމަށްފަހު، އޭރު އަތޮޅުތެރޭގައި ފުލުހުންނާއި ސިފައިން ބޭނުންކުރަމުންދިޔަ އިމާރާތްތައް އަތޮޅުތެރޭގެ ރައްޔިތުންނަށް ހިދުމަތްދެވޭ ޕޮލިސް ސްޓޭޝަންތަކަކަށް ބަދަލުކުރެވުނެވެ. އެއަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އާދަމް ޒާހިރުގެ މޭސްތިރިކަމުގެ ދަށުން ދިވެހިރާއްޖޭގެ ނެޝަނަލް ޕްލޭނިންގ ޑިވެލޮޕްމަންޓުގެ ސިޔާސަތުތަކަށް ރިއާޔަތްކުރުމަށްފަހު ރީޖަނަލް ޕޮލިސް ހިންގުމަށާއި މަސައްކަތްތައް ފަސޭހަކަމާއެކު ކުރުމަށް މުޅި ރާއްޖެ ފަސް ރީޖަނަކަށް ބަހައިލުމަށްފަހު ރީޖަނަލް ކޮމާންޑަރުން އައްޔަނުކޮށް، 30 އޭޕްރީލް 2007 ގައި އެ ރީޖަންތައް ރީޖަނަލް ކޮމާންޑަރުންގެ ބެލުމުގެ ދަށުން ހިންގުމުގެ މަސައްކަތް ފެށިފައިވެއެވެ.


އެދުވަސްވަރު އާބާދީ ބޮޑެތި ރަށްރަށާއި، ބިން ބޮޑެތި ރަށްރަށަށް ރަށުތެރެ ޕެޓްރޯލުކުރުމަށް ވެހިކަލް އަދި ސައިކަލް ފޮނުވަން ފެށުނެވެ. ނަމަވެސް 18 އޮކްޓޫބަރު 2005 ގައި އަތޮޅުތަކުގެ އާބާދީގެ ނިސްބަތަށާއި، ދަތުރުފަތުރުގެ ކަންތައްތަކަށް ބެލުމަށްފަހު ބައެއް އަތޮޅުތަކަށް ލޯންޗު ފޮނުވަން ފެށުނެވެ. ލޯންޗު ފޮނުވިފައިނުވާ ރަށްރަށުން ފުލުހުން ދަތުރުކުރަމުން ދިޔައީ ފެރީގޮތަށް ހަދާފައިވާ ދޯނިފަހަރު ކުއްޔަށް ހިފައިގެންނެވެ. އަދި އަވަސް ދަތުރެއްނަމަ ލޯންޗު ކުއްޔަށް ހިފައިގެންނެވެ.

 

ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ ގޮތުގައި 2006 އޭޕްރީލް މަހުން ފެށިގެން ސީނިއަރ އޮފިސަރސް ކޯސް (ސަބް އިންސްޕެކްޓަރ ކޯސް) ހަދާފައިވާ ސާޖަންޓުން ފެށިގެން މަތީގެ ފުލުހުން ސްޓޭޝަން އިންޗާޖުންނަށް ފޮނުވަން ފެށުނެވެ. އެގޮތުން ކޮންމެ އަތޮޅަކަށް ވެސް، އިންޑިއާގެ ޕަންޖާބު ޕޮލިސް އެކަޑަމީއިން ސަބް އިންސްޕެކްޓަރ ކޯސް ފުރިހަމަކޮށްފައިވާ ފުލުހަކު ފޮނުވުނެވެ.

އޭގެ އެތައް ދުވަހެއް ފަހުން މިއަދު މިވަނީ ލާމަރުކަޒީކޮށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނު ނަންބަރު 20/34 ގެ ދަށުން މާލެ ނުހިމެނޭގޮތަށް، މުޅި ރާއްޖެ މިވަނީ ފަސް ސަރަހައްދެއްގެ މައްޗަށް ބަހާލެވިފައެވެ. ކޮންމެ ސަރަހައްދެއް ވެސް ހިންގުމަށް ރީޖަނަލް ކޮމާންޑަރެއް ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް، ފުލުހުންގެ ހިދުމަތް މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެށިގެން ދިޔައިރު މަސައްކަތްކުރުމަށް ފުލުހުންގެ އަމިއްލަ ހާއްސަ މަރުކަޒުތައް ނެތުމުގެ ސަބަބުން ހިދުމަތުގެ ގޮތުންނާއި ބަޖެޓުގެ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ފުލުހުންގެ ހިދުމަތުން ވަނީ ތަހައްމަލުކުރަން ޖެހިފައެވެ.

 

ނަމަވެސް މިގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ފުލުހުންގެ ލީޑަރޝިޕުން އެއިރެއްގައި އޮންނަ ސަރުކާރަކާ ގުޅިގެން ކުރެއްވި މިންނެތް މަސައްކަތުން، އެކިދުވަސްވަރު އަތޮޅުތަކުގެ އެކިއެކި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރެވި، އާބާދީ ބޮޑެތި ގިނަ ރަށްތަކުގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރެވި، 2025 އޮކްޓޫބަރު މަހުގެ ނިޔަލަށް ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މުޅި ރާއްޖޭގެ 20 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުކުރެވި މިއަދު މިވަނީ ފުލުހުންގެ ހިދުމަތް ރަސްމީކޮށް ދޭންފަށާފައެވެ.

 

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއަދު ދިވެހި ފުލުހުންގެ ހިދުމަތުން ފާހަގަކުރަމުންދާ ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މުޅި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް އަރިސްކުރަމެވެ.