
ގުރައިދޫގައި ހުންނަ ތ. އަތޮޅު މަދަރުސާގެ މުވައްޒަފުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފިއެވެ. މި ސެޝަނަކީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް މުއައްސަސާތަކުގެ މުވައްޒަފުންނާއި ރައްޔިތުން ގާނޫނުތަކަށް އަހުލުވެރިކޮށް ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
އެޕްރީލް 1 ވަނަ ދުވަހު އެ މަދަރުސާގައި ކުރިއަށްގެންދިޔަ މި ސެޝަނުގައި އެއްގަމު އުޅަނދު ދުއްވުމުގައި، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އެއްގަމު އުޅަނދު ދުއްވުމަށާއި ތިމާއާއި އަނެކުންގެ ސަލާމަތަށް ސަމާލުކަންދީގެން އުޅަނދު ދުއްވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގައި ހިނގާ ހާދިސާތަކާއި ދިމާވާ އެހެނިހެން މައްސަލަތައް ހައްލުކުރުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެއްގަމު އުޅަނދުގައި ފުރިހަމަކޮށްފައި ހުންނަންޖެހޭ ކަންކަން ފުރިހަމަކޮށްގެން އުޅަނދު ދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ސުކޫލު ދަރިވަރުންނާއި މުއައްސަސާތަކުގެ މުވައްޒަފުން އަދި ރައްޔިތުން ހޭލުންތެރިކޮށް ފަރުދީ ޒިންމާ އަދާކުރުވުމަށާއި މަގުތަކަކީ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ މިފަދަ ޕްރޮގްރާމުތައް ފުލުހުން ގެންދަނީ ހިންގަމުންނެވެ.