
ފައިދާހުރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެޕްރީލް 2 ވަނަ ދުވަހު ވެލިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތު ދީފައިވަނީ އެ މަރުކަޒުގެ ގުރޭޑް 7 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ.
މި ސެޝަންގައި އިންޓަނެޓް ބޭނުންކުރުމުގައި ވީހާވެސް ވަގުތު މަދުކުރުމަށާއި، ކިޔެވުމުގައި އިންޓަނެޓް ބޭނުންކުރަން ކޮންމެހެން ޖެހިއްޖެ ހާލަތެއްގައި ވެސް އެކަމަށް އެންމެ އެކަށޭނަ ކުޑަ މިންވަރެއްގައި މައުލޫމާތު ހޯދުމަށް އިންޓަނެޓް ބޭނުންކުރުމަށް މައުލޫމާތު ދީފައިވެއެވެ.
އޭގެ އިތުރުން، ސޯޝަލް މީޑިއާގެ އާންމު މަންސަތަކުން ނުދަންނަ މީހުންނާ ވާހަކަ ދެއްކުމުން ދުރުހެލިވުމަށާއި ގޮތްނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، މިފަދަ ހުރިހާ ކަމަކުން ރައްކާތެރިވެ ތިބުމަށް ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.