
ޅ.ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހް ގެ ގްރޭޑް 7 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރާނެގޮތުގެ މައުލޫމާތު ދިނުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 14 ވަނަ ދުވަހު އެ މަދަރުސާ ގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ ކުރިއަރަމުން އަންނަ އިންޓަނެޓްގެ ދުނިޔޭގައި ދަރިވަރުންނަށް ރައްކާތެރިކަމާއެކު، ޒިންމާދާރު ގޮތެއްގައި އިންޓަނެޓް ބޭނުން ކުރުމަށް ހޭލުންތެރިކުރުވައި އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ދަރިވަރުން ރައްކާތެރިކުރުވުމުގެ ގޮތުން ނައިފަރު ޕޮލިހާއި އެ މަދަރުސާ ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ.
މި ސެޝަނުގައި، މައިންބަފައިންގެ ބެލުމުގެ ދަށުން ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމަށާއި އިންޓަނެޓުގައި އެކައުންޓުތައް ހުޅުވާއިރު ސައްހަ ތެދު މައުލޫމާތު ހިމެނުމަށާއި އެ މައުލޫމާތު އެހެން މީހުންނަށް ހާމަނުކޮށް ޕްރައިވެސީ ސެޓިންތައް ރަނގަޅު ގޮތުގައި ހެދުމަށް މައުލޫމާތުދީފައިވެއެވެ. އަދި ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި އެފަދަ މީހުންނަށް ޒާތީ މައުލޫމާތު ހާމަނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. ހަމައެހެންމެ ސޯޝަލް މީޑިއާގައި ވެސް އެހެން މީހުންނަށް އިހުތިރާމުކުރުމަށާއި އެހެން މީހުންގެ އަގު ވައްޓާލައި މަލާމަތްކުރުމާއި އަބުރަށް ހުތުރު ނަމެއް ލިބޭނެ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އޭގެ އިތުރުން، ބޭކާރު ކަންކަމުގައި އިންޓަނެޓް ބޭނުންކުރުމުގެ ބަދަލުގައި ކުރިއަށްދާން ބޭނުންވާ ރޮނގުތަކުން މައުލޫމާތު މުއްސަނދިކޮށް އާއިލާއާއި ގައުމަށް ފައިދާހުރި ގޮތުގައި އިންޓަނެޓުގެ ބޭނުންހިފާ ބަޔަކަށް ދަރިވަރުން ވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އާންމު އިޖުތިމާއީ މިންގަނޑުތަކަށް ހާއްސަ ސަމާލުކަމެއްދީ މަގުމަތީގައި އުޅޭއިރު ވެސް އަހުލާގު ރަނގަޅު ނަމޫނާ ދަރިވަރުންގެ ގޮތުގައި ކުރިއަށް ދިއުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އިންޓަނެޓާ ގުޅޭ ފުރިހަމަ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ އެ ވަސީލަތްތައް ރަނގަޅަށް ބޭނުންކުރުމާއި، ސައިބަރ ސޭފްޓީގެ މުހިންމުކަމާއި ޑިޖިޓަލް ރެސްޕޮންސިބިލިޓީގެ މައްޗަށް ދަރިވަރުންނަށް މައުލޫމާތު ދިނުމަކީ ވެސް މި ސެޝަންގެ މުހިންމު ބޭނުމެކެވެ. މިފަދަ ސެޝަންތަކުގެ ސަބަބުން ދަރިވަރުން އޮންލައިންގެ ނުރައްކާތަކުންނާއި ސައިބަރ ކުށްތަކުން ރައްކާތެރިވުމަށް ވަރަށް ބޮޑަށް އެހީތެރިވެގެންދެއެވެ.