
މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ދަރަވަންދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބ. ދަރަވަންދޫ / ވިލަރެސް، ޙުސައިން މުޒްލިފް (36އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ދަރަވަންދޫގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ. މި އެޕްރީލް މަހުގެ 16 ވަނަ ދުވަހު އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓާއި ހަތަރު ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.