
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގާލްގައިޑް އަދި ލިޓިލްމެއިޑް ދަރިވަރުންނަށް ލީޑަރޝިޕް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި އެޕްރީލް މަހުގެ 17 ވަނަ ދުވަހު އޭދަފުށީ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި 145 ދަރިވަރުން ބައިވެރިވިއެވެ.
ކުޅިވަރުގެ ތަފާތު ހަރަކާތްތަކާއި ގުރޫޕް މަސައްކަތްތަކާއެކު ކުރިއަށް ގެންދިޔަ މި ސެޝަންގައި، ލީޑަރޝިޕްއަކީ ކޮބައިކަމާއި ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތަކާއި ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ. އަދި ލީޑަރެއްގެ ޒިންމާތަކާއި، ކޮލިޓީ ލީޑަރެއްގެ ދަށުގައި މަސައްކަތްކުރުމަށް ފަސޭހަވާނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން ލަނޑުދަނޑި ހާސިލުކުރުމަށް ލީޑަރެއްގެ ގޮތުގައި ކުރެވިދާނެ ކަންކަމާއި ސުކޫލާއި ސުކޫލުން ބޭރުގައި ލީޑަރެއްގެ ގޮތުގައި ޒިންމާ އަދާކުރުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.

މީގެ އިތުރުން، ކޮންމެ ދަރިވަރަކު ވެސް އަމިއްލައަށް ޒިންމާއަދާކުރުމާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެއްބައިވަންތަކަން އިސްކުރުމަށާއި ތައުލީމު އުނގެނުމުގައި ހޭދަކުރާ މާހައުލުގައި އަދި އެނޫންވެސް ވަގުތުތަކުގައި އެއްކުއްޖަކު އަނެއް ކުއްޖަކަށް އިހުތިރާމު ކުރުމުާއި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމަށާއި ރަނގަޅު ކަންކަމަށް ކުދިންނަށް ހިތްވަރުދީ ނަމޫނާ ދެއްކުމަށް ނަސޭހަތްތެރިވެފައިވެއެވެ.