
ކުށްތަކުން ރައްކާތެރިކުރުމަށް ރައްޔިތުންނާ ގާތުން ބައްދަލުކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ށ. ކޮމަންޑޫގައި ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި އެޕްރީލް މަހު 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ކުށްމަދުކުރުމަށާއި ކުށްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި ރާއްޖޭގައި މިހާރު އެންމެ އާންމު ސްކޭމްގެ މައްސަލަތަކާއި އެފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި އެކުވެރި މާހައުލެއް ގާއިމުކުރުމުގެ ގޮތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.
އޭގެ އިތުރުން، ބަގީ ދުއްވާ ފަރާތްތަކާ ބައްދަލުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުކަންދީގެން އުޅަނދު ދުއްވުމަށާއި ފަހުގެ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ބަގީތަކުގެ ބޯޑުތައް ގަވާއިދާ އެއްގޮތަށް ބަދަލުކުރުމަށާއި ގާނޫނާއި ގަވާއިދާ އެއްގޮތަށް ލައިސަންސް ނައިގެން ދުއްވުމާއި ރަޖިސްރީކޮށްގެން ދުއްވުމަށް ވެސް ނަސޭހަތްތެރިވެފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން، ކުށަށް މަގުފަހިވާނެފަދަ އެއްވެސް ކަމެއް ހުރިތޯ ރަށުގެ ފަޅުގެތައް ބަލައިފާސްކޮށްފައިވެއެވެ.