
ކުރެންދޫގައި ހުންނަ ޅ. އަތޮޅު ސުކޫލު ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި އެޕްރީލް މަހުގެ 23 ވަނަ ދުވަހު މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ކުރެންދޫ ޕޮލިހާއި އެ ސުކޫލު ގުޅިގެންނެވެ. އެ ސުކޫލުގެ ގުރޭޑް 7 އިން 11 އާ ދެމެދުގެ 96 ދަރިވަރުން ބައިވެރިވި މި ސެޝަންގައި، ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވައި އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ދަރިވަރުން އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، މަގުމަތީގެ ރިވެތި އަދަބުތަކާއި މަގުމަތީގައި އުޅޭއިރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އަދި އަނެއް މީހާގެ ރައްކާތެރިކަމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ބައިސްކަލު ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. ހަމައެހެންމެ ރޭގަނޑު ބައިސްކަލު ދުއްވާނަމަ ބައްތި ދިއްލައިގެން ދުއްވުމަށް ނަސޭހަތްތެރިވެ އަދި ޓްރެފިކް ނިޝާންތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އޭގެ އިތުރުން، ކޮންމެ ތަނެއްގައި އުޅުނުކަމުގައިވިޔަސް ރިވެތި ބަހުން މުއާމަލާތުކުރުމަށާއި އެކަކު އަނެކަކަށް އިހުތިރާމުކުރުމަށާއި މުޖުތަމައުގައި ހިނގާ ނޭދެވޭ ތަފާތު ކަންކަމުން ދުރުހެލިވެތިބުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ސުކޫލުތަކުގެ ދަރިވަރުން ހޭލުންތެރިކުރުވައި ރިވެތި އަހުލާގެއްގެ މަތީގައި ދަރިވަރުން ތަރުބިއްޔަތުކުރުމަށާ އަދި ކޮންމެ ދަރިވަރަކީ ވެސް ޒިންމާނަގަން ދަންނަ ދަރިވަރަކަށް ހެދުމުގެ ގޮތުން ފުލުހުން ގެންދަނީ އެކި ކަންކަމާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭނެހެން މައުލޫމާތު ހިއްސާކުރަމުންނެވެ.