
މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ތިންވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ އަންހެން އޮފިސަރުންނަކީ ހަމައެކަނި ފުލުހުންގެ ޚިދުމަތަށް ފުރިހަމަކަން ގެނެސްދޭ ބައެއް ނޫން ކަމަށާއި، އެއީ ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނާ ގުޅޭ ނާޒުކު މައްސަލަތަކުގައި އިތުބާރާއި ޔަގީންކަން އާލާކޮށްދޭ މުހިންމު ހިއްސާދާރެއް ކަމަށެވެ.
ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ ކޮންމެ ދާއިރާއަކަށް ބެލިޔަސް، ތަހުގީގީ ނުވަތަ އިންޓެލިޖެންސް ކަމަށް ވިޔަސް، ފްރަންޓްލައިން ނުވަތަ ޓެކްނިކަލް ދާއިރާތައް ކަމަށް ވިޔަސް، އަންހެން އޮފިސަރުންގެ ގާބިލުކަމާއި ހުނަރުވެރިކަމާއި ކެރޭކަން ފެންނަމުންދާ ކަމަށެވެ. އަދި އެ އޮފިސަރުންގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި ކަންކަން ފުންކޮށް ވިސްނުމުގެ ބާރަކީ ފުލުހުންގެ އޮޕަރޭޝަންތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ އަމާޒަކީ ހަމަހަމަކަމާއެކު އެންމެން ޝާމިލުވާ، ފަރަގުކުރުމެއް ނެތް މާހައުލެއް ފުލުހުންގެ ތެރޭގައި ގާއިމުކުރުން ކަމަށެވެ. އަދި ނިންމުންތައް ނިންމާ މަރުހަލާތަކުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކޮށް، އެ އޮފިސަރުންނަށް ހުރި ގޮންޖެހުންތައް ނައްތާލައި ފުރުސަތުތައް ފަހިކޮށްދިނުމަކީ މުއައްސަސާއިން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އައު ކޮމިޓީގެ މަސައްކަތްތަކުގެ ތެރެއިން މިކަންކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށާއި، ކޮމިޝަނަރގެ ހައިސިއްޔަތުން ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
މީގެ އިތުރުން ކޮމިޝަނަރ ވަނީ ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް ކުރިއެރުވުމަށާއި ހުރިހާ މުވައްޒަފުންނަށް ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާ ހާއްސަ އަހައްމިއްޔަތު ފާހަގަކުރައްވައި އެ މަނިކުފާނަށް ޝުކުރު ދަންނަވައިފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.