
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ބ. ދަރަވަންދޫ ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސުކޫލު ދަރިވަރުންނާއި ބެލެނިވެރިން އަހުލުވެރިކުރުވައި، މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ކުރިއަށްގެންދިޔަ މި ސެޝަނަކީ ދަރަވަންދޫ ޕޮލިހާއި އެރަށު ސުކޫލު އަދި ކައުންސިލު ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ. މި ސެޝަންގައި އެ ސުކޫލުގެ 63 ދަރިވަރުންނާއި 86 ބެލެނިވެރިން ބައިވެރިވިއެވެ.
މި މަހު 28 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަންގެ ތެރެއިން ދަރިވަރުންނަށް ކުރިއަށްގެންދިޔަ ސެޝަނުގައި، ޓްރެފިކް ނިޝާންތަކުން އަންގައިދޭ ކަންތައްތަކާއި އެ ނިޝާންތަކާ އެއްގޮތަށް އަމަލުކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި މަގުމަތީގައި ދިމާވެދާނެ ހާދިސާތަކާއި އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މަސައްކަތްކުރާނެ ގޮތްތަކާއި އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. ވަކިން ހާއްސަކޮށް މަގުމަތީގައި އުޅޭއިރު ތިމާގެ އަމިއްލަ ސަލާމަތާއި އެހެން މީހުންގެ ރައްކާތެރިކަމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ. އޭގެ އިތުރުން، މަގު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫ ނުވާނޭހެން ދަރިވަރުންގެ އަމަލުތައް ބެހެއްޓުމަށާއި، ދުވާރު ހެދިފައިވާ މަގުތަކުގައި ހިނގާއިރު ދުވާރު ބޭނުންކުރުމަށާއި، އަބަދުވެސް މަގުގެ އެއްފަރާތުން ހިނގުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ބެލެނިވެރިންނަށް ކުރިއަށްގެންދިޔަ ސެޝަނުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވާއިރު ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށާއި މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރުމަށް އެންމެން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ފަރުދީ ޒިންމާ އަދާކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވުމުގައި ތިމާ އެހެން މީހުންނަށް ނަމޫނާ މީހަކަށްވުމަށް މަސައްކަތްކުރުމަށާއި، ގާތް މީހުންނާއި ރައްޓެހިންނާއި ރަށުގެ މުޖުތަމައު ތިމާއަށް އެނގިފައިވާ މިންވަރަކުން މިފަދަ ކަންތައްތަކުން ރައްކާތެރިވެތިބުމަށް ހޭލުންތެރިކުރުވުމަށް މަސައްކަތްކުރުމަކީ ވެސް ކުރެވޭނެ ކަމެއްކަމަށް ބުނެދީފައިވެއެވެ. ހަމައެހެންމެ، ނުރައްކާތެރިކޮށް އުޅަނދު ދުއްވާނަމަ ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަކީ ފަރުދީ ޒިންމާއެއްކަމާއި ޓްރެފިކް ނިޝާންތަކުން ބުނެދޭ ކަންކަމަށް ސަމާލުކަންދީގެން އުޅަނދު ދުއްވުމަށާއި މަގު ހުރަސްކުރާ މީހުންނާއި ހިނގާ މީހުންނަށް ޖާގަދީގެން ވިސްނުންތެރިކަމާއެކު މަގު ބޭނުންކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މީގެއިތުރުން ވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އެންމެންނަށް މުހިންމުވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ސީދާގޮތުންނާއި ނުސީދާގޮތުން މަގު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަންދީ އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ އަދި މަރުވާ މީހުންގެ އަދަދު މަދުކޮށް އިގްތިސާދީގޮތުން ލިބޭ ގެއްލުން ކުޑަކުރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މަގުތަކަކީ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި ފުލުހުން ގެންދަނީ ސުކޫލު ދަރިވަރުންނާއި ރައްޔިތުން ހޭލުންތެރިކުރުވައި ޒިންމާދާރު ކުރުވުމަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމު ހިންގަމުންނެވެ.