
ތާޖުއްދީން ސުކޫލު ބެލެނިވެރިންނަށް ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 29 ވަނަ ދުވަހު ‘ތާޖު ދިރުން’ މި ނަމުގައި އެ ސުކޫލުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ މާފަންނު ޕޮލިސް ނެއިބަ ހުޑާއި، ސުވަޓް ޓީމާއި، ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓާއި ތާޖުއްދީން ސުކޫލު ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތާއި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުން އަންނަ ރަނގަޅު ބަދަލުތައް ހަރަކާތްތަކުގެ ތެރެއިން ބުނެދީފައިވެއެވެ. އަދި ބެލެނިވެރިންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އިތުރުކުރުމަށް އެކި ބާވަތުގެ ކުޅިވަރުތަކާއި، މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

އޭގެ އިތުރުން، ނަފުސާނީ ދުޅަހެޔޮކަމަކީ ކޮބައިކަމާއި ނަފުސާނީ ގޮތުން ދުޅަހެޔޮ މީހަކަށް ވުމަށް ކުރެވޭނެ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ. އަދި ނަފުސާނީ މައްސަލަތަކާއި އެހެނިހެން ކަންކަމުގައި ގުޅާނެ ނަންބަރުތަކާއި އަމަލުކުރަންޖެހޭ ގޮތްތައް ކިޔައިދީފައިވެއެވެ.
މި ހަރަކާތުގައި، އެ ސުކޫލުގެ ހުރިހާ ގުރޭޑެއްގެ ބެލެނިވެރިން ބައިވެރިވިއެވެ.