
ގުރައިދޫގައި ހުންނަ ތ. އަތޮޅު މަދަރުސާގެ ގުރޭޑް 8، 11 އަދި 12 ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެޕްރީލް މަހުގެ 29 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ ފުރާވަރު ކުދިންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް ކުރިއެރުވުމުގެ މަގުސަދުގައި ހެލްޕިންގ އެޑޮލަސަންޓް ތްރައިވް ޕްރޮގުރާމްގެ ދަށުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
ގުރައިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތު ދީފައިވަނީ “ޕާޝަނަލް ބައުންޑްރީ އެންޑް ބުލީއިންގ” އާ ބެހޭގޮތުންނެވެ. އެގޮތުން، ތިމާގެ އަމިއްލަ ނަފުސާއި އެހެން މީހުންނާ ދެމެދު ބާއްވަންޖެހޭ ގުޅުމަކީ ކޮބައިކަމާއި، ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއވެެ. އަދި އެހެން މީހުންނާއެކު ރައްކާތެރި، ދުޅަހެޔޮ އަދި އިހުލާސްތެރި ގުޅުމެއް ބާއްވާނެ ގޮތްތަކާއި މުއާމަލާތުކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
އޭގެ އިތުރުން، ގަނާ ކުރުމުގެ ސަބަބުން ކުރިމަތިވާނެ ނޭދެވޭ ކަންކަމާއި، ސުކޫލު މާހައުލާއި އެހެނިހެން ގޮތްގޮތުން ވެސް ކުރިމަތިވާ ގަނާކުރުމުގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށާއި، އެފަދަ ކަންކަމުގައި ބައިވެރި ނުވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ގަނާގެ ޝިކާރައަށްވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެއްވެސް ކުއްޖަކު ބާކީނުކޮށް ގުޅިގެ އުޅުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މި ސެޝަންގެ މައިގަނޑު މަގުސަދަކީ ފުރާވަރު އުމުރުގެ ދަރިވަރުންނަށް ދިމާވާނޭ އެކިއެކި ކަންކަމާ ކުރިމަތިލުމަށް ބޭނުންވާ އިޖުތިމާއީ އަދި ނަފުސާނީ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމެވެ.