
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށާއި ރައްކާތެރިކަމާއެކު މަގު ބޭނުންކުރާނެގޮތުގެ އިރުޝާދު ސުކޫލު ދަރިވަރުންނަށާއި ބެލެނިވެރިންނަށް ކިޔައިދީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުރިނބީ ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ކުރިނބީ ޕޮލިހާއި ކުޅުދުއްފުށި ސިޓީ ޕޮލިހާއި ކުރިނބީ ސުކޫލު ގުޅިގެން މިދިޔަ މަހު 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި އެ ސުކޫލު ގްރޭޑް 6 އިން މަތީގެ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.
މި ސެޝަންތަކުގެ ތެރެއިން، ދަރިވަރުންނަށް ކުރިއަށްގެންދިޔަ ސެޝަނުގައި މަގުމަތީގައި ހިނގާއިރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އަދި އަނެއް މީހާގެ ރައްކާތެރިކަމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަގުމަތީގެ ނިޝާންތަކާއި އެ ނިޝާންތަކުން އަންގައިދޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި ރިވެތި ބަހުން މުއާމަލާތުކުރުމަށާއި މަގުމަތީގެ އަދަބުތަކާ އަދި ބައިސްކަލު ދުއްވާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި އެއް ކުއްޖަކަށްވުރެ ގިނަ ކުދިން އެއް ބައިސްކަލަކަށް އަރައިގެން ނުދުއްވުމަށާއި ރޭގަނޑު ބައިސްކަލު ދުއްވާނަމަ ބައިސްކަލު ބައްތި ދިއްލައިގެން ދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ބެލެނިވެރިންނަށް ކުރިއަށްގެންދިޔަ ސެޝަނުގައި އެއްގަމު އުޅަނދު ދުއްވުމުގައި އެއްގަމު ދަތުރުފަތުރުގެ ގަވާއިދުގައިވާ ކަންކަމަށް ސަމާލުކަންދިނުމަށާއި އުޅަނދު ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި މަގުތައް ހަލަބޮލި ވަގުތުތަކުގައި ކުޑަކުދިން ގޮވައިގެން ސައިކަލު ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން އުޅަނދު ދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އުޅަނދު ޕާކުކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި ޓްރެފިކް ނިޝާންތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ހަރަކާތަކީ މަގުމަތީގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށާއި ކޮންމެ ރައްޔިތަކީ ވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން ޒިންމާދާރުކަމާއެކު މަގު ބޭނުންކުރާ ރައްޔިތަކަށް ހެދުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އަދި ދަރިވަރުންނަކީ ވެސް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިވެފައިވާ ދަރިވަރަކަށް ހެދުމުގެ ގޮތުންނާއި ދަރިވަރުންގެ ކިބައިގައި މަގުމަތީގެ ރިވެތި އަދަބުތައް އަށަގަންނުވައި ދަރިވަރުންގެ ހިތުގައި މަގުމަތީގެ ސަލާމަތަށް އޮންނަ އަހަންމިއްޔަތު އިތުރުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭނެ ކަންކަން ކިޔައިދީ ޒިންދާރުކުރުވުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އޭގެ އިތުރުން، ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި އަމަލީ ތަމްރީނުތަކެއް ހިމެނޭ ޕްރެކްޓިކަލް ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސެޝަނުގައި ގުރުއަތުން ނެގުނު 10 ފަރާތަށް ބައިސްކަލް ބައްތި ހަދިޔާ ކޮށްފައިވެއެވެ.