
"ކާމިޔާބު ބެލެނިވެރިޔާ" ގެ ނަމުގައި ދަރުމަވަންތަ ސުކޫލު ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި މެއި މަހުގެ 4 ވަނަ ދުވަހު މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ގަލޮޅު ޕޮލިސް ނެއިބަހުޑާއި ކްރައިމް ޕްރިވެންޝަން ގުޅިގެންނެވެ.
މި ސެޝަނުގައި، ޒިންމާދާރު ގޮތެއްގައި ބެލެނިވެރިކަމުގެ ދައުރު އަދާކުރާނެ ގޮތާއި ޒިންމާދާރު ބެލެނިވެރިއެއްގެ ކިބައިގައި ހުންނާނެ ސިފަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެންމެ ތުއްތު އިރުގައި ދަރިންނަށް ދެވޭ ތަރުބިއްޔަތުގެ މުހިންމުކަމާއި ދަރީންގެ ހަރަކާތްތައް ގާތުން ބަލައި މޮނީޓަރކޮށް ތުއްތު ދަރިންނަށް ވިސްނޭނެހެން އުމުރާ ގުޅޭގޮތަށް ރަނގަޅު ކަންކަން ބުނެދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކުރިއެވެ. އަދި ދަރީން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް އަބަދުވެސް ހިތްވަރުދޭންޖެހޭނެ ކަމާއި ދީނީ ކަންކަމަށް ދަރިންނަށް ބާރު އެޅުމަށް ނަސޭހަތްތެރިވިއެވެ.
އޭގެ އިތުރުން، ދަރިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށާއި ދަރީން ތަރުބިއްޔަތުކުރުމުގައި ދިމާވާ މައްސަލަތައް ވިސްނުންތެރިކަމާއެކު ހައްލުކުރާނެ ގޮތްތަކާއި ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ގެންގުޅެވިދާނެ އުކުޅުތައް ބުނެދީ އަދި ދަރީން ބެލެހެއްޓުމުގައި ގާނޫނީ ގޮތުން ވިސްނަންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައި ވެއެވެ. އަދި ބެލެނިވެރިކަމުގެ ހުނަރުތަކާ ގުޅޭގޮތުން ހެދިފައިވާ އެކި ދިރާސާތަކުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ދަރުމަވަންތަ ސުކޫލު ގުރޭޑް 1 އިން 3 އަށް ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ބެލެނިވެރިންނަށެވެ.
ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ސުކޫލުތަކުގެ ބެލެނިވެރިން ހޭލުންތެރިކުރުވުމަށް މިފަދަ ތަފާތު ޕްރޮގްރާމްތައް ފުލުހުން ދަނީ ހިންގަމުންނެވެ.