
މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ނަޑެއްލާއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ނަޑެއްލާ / ދުބުރިމާގެ، އަޙްމަދު ޒާހިމް (29އ) އެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ. ނަޑެއްލާ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި، އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ސައިޒުގެ ކޮތަޅަކާއި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތި ނައްތާލައި، އެ ތަކެތީގެ ވަބާއިން ރައްޔިތުން ސަލާމަތްކުރުމަށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ގެންދަނީ ތަފާތު އޮޕަރޭޝަންތައް ހިންގަމުންނެވެ.