
ގަނާކުރުމުން ދުރުހެލިކުރުވުމަށް ފ. ބިލެތްދޫ ސުކޫލު ގުރޭޑު 7 އިން ފެށިގެން މަތީގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނަކީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައްތަކުން ސުކޫލު ދަރިވަރުން ދުރުހެލިކުރުވައި ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ހިނގާ މެއި މަހުގެ 17 ވަނަ ދުވަހު ބިލެތްދޫ ޕޮލިސް ސްޓޭޝަނާއި ބިލެތްދޫ ސުކޫލު ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި، ގަނާކުރުމަކީ ކޮބައިކަމާއި، ގަނާ މާނަކުރެވިފައިވާ ގޮތްތަކާއި، ގަނާ ކުރުމުން ދުރުހެލިވެ ރައްކާތެރިވާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެހެން ކުދިން އެކަމުން ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، ގަނާކުރުމުގެ ސަބަބުން ނުކުންނަ ނުރަނގަޅު ނަތީޖާއާއި ގަނާގެ ޝިކާރައަށްވާ ކުއްޖާއަށް އެކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާއި ދިމާވާ ހިތާމަވެރި ހާދިސާތަކުން ތިމާއާއި އާއިލާ ސަލާމަތްކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި މިކަން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
މި ސެޝަންގެ ތެރެއިން ދަރިވަރުންގެ ހިޔާލު ހޯދައި މަޝްވަރާކޮށް ދަރިވަރުންގެ ހިޔާލުތައް ހުށަހަޅައިދީފައިވެއެވެ. އެގޮތުން ގަނާ އަދި ފުރައްސާރަކޮށް ޖެއްސުންކުރާނަމަ އަމަލުކުރާނެގޮތާއި، ގަނާ ރައްދުވާ ކުއްޖާއަށް ކުރެވޭނެ އިހުސާސްތަކާއި، ގަނާކުރުން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މި ސެޝަންގައި 70 ދަރިވަރުން ބައިވެރިވިއެވެ.