
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުވައްމުލައް ސިޓީ ސުކޫލު ދަރިވަރުންނަށް މައުލޫމާތުދީފިއެވެ. މި ސެޝަންތަކަކީ ދުނިޔޭގެ ރޯޑް ސޭފްޓީ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.
މި ސެޝަންތަކުގައި މައުލޫމާތު ދީފައިވަނީ ޏ. އަތޮޅު އެޑިއުކޭޝަން ސެންޓަރާއި، މުޙައްމަދު ޖަމާލުއްދީން ސުކޫލާއި، ހާފިޒް އަޙްމަދު ސުކޫލާއި، ފުވައްމުލަކު ސުކޫލު ދަރިވަރުންނަށެވެ. މި މެއި މަހުގެ 17 ވަނަ ދުވަހު އެ ސުކޫލުތަކުގެ އެސެމްބްލީގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި 1657 ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، މަގުމަތީގައި ހިނގާ ހާދިސާތަކާއި އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގައި އުޅޭއިރު ދަރިވަރުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކާއި އެއްގަމު އުޅަނދުގައި ދަތުރުކުރާއިރު ދަރިވަރުންގެ ހައިސިއްޔަތުން ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި އެއްވެސް ކުއްޖަކު 18 އަހަރު ނުވަނީސް އަދި ލައިސަންސް ނެތި ސައިކަލު ނުދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ބައިސްކަލު ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި ރޭގަނޑު ބައިސްކަލު ދުއްވާއިރު ބައްތި ދިއްލައިގެން ބައިސްކަލު ދުއްވުމަށާއި އެއް ކުއްޖަކަށް ވުރެ ގިނަކުދިން އަރައިގެން ބައިސްކަލު ނުދުއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ.