
ކަލާފާނު ސުކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ ސުކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ތަމްރީނުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ނިންމުމަށް މެއި 19 ވަނަ ދުވަހު ކަލާފާނު ސުކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލެ ސިޓީ ޕޮލިސް ޑެޕިއުޓީ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްހާންއެވެ. މި ރަސްމިއްޔާތުގައި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުތަބާ ޢަބްދުއްސައްތާރާއި، ކަލާފާނު ސުކޫލު ޕްރިންސިޕަލް ނާޒްލީން ވާފިރާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބައެއް އޮފިސަރުންގެ އިތުރުން ސުކޫލުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ހިނގާ މެއި މަހުގެ 9 އިން 14 އަށް ކަލާފާނު ސުކޫލުގައި ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ޖުމުލަ 30 ދަރިވަރުން ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމްގެ ތެރެއިން މައުލޫމާތު ދިނުމުގެ ކުލާސްތަކާއި އަމަލީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިތަކުގެ މައުލޫމާތާއި، ސުކޫލު ސަރަހައްދުގައި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ. އަދި މުއާމަލާތުކުރުމުގެ ހުނަރުތައް ވެސް ދަސްކޮށްދީފައިވެއެވެ.

އޭގެ އިތުރުން، ދިމާވާ ކުއްލި ހާލަތްތަކަށް ދުރާލާ ދަރިވަރުން ތައްޔާރުކުރުމަށާއި އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ސެލްފްޑިފެންސް ކުލާސްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.