
ފ. ނިލަންދޫގައި ހިންގާ ގެސްޓު ހައުސްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ނިލަންދޫ ޕޮލިސް ސްޓޭޝަނުން މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގެސްޓު ހައުސްއަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، ގެސްޓު ހައުސްތަކުގެ ސަލާމަތީ ކަންކަމާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ހޯދައި، ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވެއެވެ. އަދި ޓޫރިސްޓު ފެސިލިޓީ ސާވޭ ފޯމު ފުރައި، ފޯމުގައި ހުރި ކަންކަން ބަލައި ޗެކުކޮށްފައިވެއެވެ.
މި ހަރަކާތަކީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް، މުޖުތަމައުގައި ހިނގާ ހާދިސާތަކުންނާއި، ފަތުރުވެރިންނާއި އާންމު ރައްޔިތުން ހޭލުންތެރިކޮށް ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.