
ހުޅުމާލޭ، ރެހެންދި ސުކޫލު ދަރިވަރުންނަށް “އައިކޮނިކް ލީޑަރސް” ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އެ ސުކޫލުގެ ޕްރިފެކްޓް ދަރިވަރުންނަށާއި އެކި ޕޯސްޓުތަކުގެ ސްޓޫޑަންޓް ލީޑަރުންނަށެވެ.
ހުޅުމާލޭ ފޭސް 1 ގެ ފުލުހުން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ތިން ދުވަހަށް ބަހާލައިގެންނެވެ. އެގޮތުން މި މެއި މަހުގެ 14 ވަނަ ދުވަހުގެ ކުލާސްތައް ކުރިއަށް ގެންގޮސްފައި ވަނީ އެ ސުކޫލުގެ ގުރޭޑު 7 ގެ ދަރިވަރުންނަށެވެ. މެއި 17 ވަނަ ދުވަހުގެ ކުލާސްތައް ގުރޭޑު 8 ގެ ދަރިވަރުންނަށް ހާއްސަކުރިއިރު މެއި 19 ވަނަ ދުވަހުގެ ކުލާސްތައް ކުރިއަށް ގެންދިޔައީ ގުރޭޑު 9 އަދި 10 ގެ ދަރިވަރުންނަށެވެ.

ޖުމުލަ 233 ދަރިވަރުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ ދަރިވަރުންގެ ލީޑަރޝިޕްގެ ހުނަރުތައް ހަރުދަނާކުރުމަށެވެ. އެގޮތުން، ކަނުލައި އަޑުއެހުމާއި، މުއާމަލާތުކުރުމުގެ ހުނަރާއި، މަސައްކަތްތައް ވިލަރެސްކުރުމާއި، އެންމެން ބައިވެރިކުރުވުމުގެ އިތުރުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، އިރުޝާދުދިނުމާއި، ލީޑަރޝިޕްގެ އުކުޅުތަކާއި، ދެވޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތުދީ ދަރިވަރުންގެ މެދުގައި މަޝްވަރާކޮށްފައިވެއެވެ. އަދި ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިވާނޭ ފަދަ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މިފަދަ ޕްރޮގްރާމްތަކަކީ ލީޑަރުންގެ ގޮތުގައި ދަރިވަރުން ބާރުވެރިކުރުވައި، މާދަމާގެ މުސްތަގުބަލު އުޖާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.