
"ރައްކާވެތި" ނަމުގައި މަގުމަތީގެ ސަލާމަތައި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ޕްރޮގްރާމެއް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މި ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނު ތަންފީޒުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދެވޭ މި އަހަރުގެ ފުރަތަމަ ހަރަކާތް މެއި 17 އިން 21 އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ފްރޮގްރާމުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައި ވަނީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކަށް ޒިޔާރަތްކޮށް އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނަށް މުވައްޒަފުން ހޭލުންތެރިކުރުމެވެ. އަދި އެ މުވައްޒަފުން ދުއްވާ އެއްގަމު އުޅަނދުތައް ޗެކުކޮށް ރަނގަޅުކުރަން ހުރި ކަންކަން ކިޔައިދީފައިވެއެވެ. މި ހަރަކާތުގެ ތެރެއިން އިހަވަންދޫ ކައުންސިލު އިދާރާއާއި، އާމިނާ ދިޔޯ ހެލްތު ސެންޓަރާއި، އިހަވަންދޫ އާރު.ޑީ.ސީއާއި، ފެނަކައާއި، ވެމްކޯގެ އިތުރުން އެމް.ޓީ.ސީ.ސީ ސައިޓަށް ޒިޔާރަތްކޮށްފައިވެއެވެ. މި ހަރަކާތުގެ ތެރެއިން އިހަވަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ސައިކަލުތައް ވެސް ވަނީ ޗެކުކޮށްފައެވެ. އެގޮތުން، މި ހަރަކާތުގައި 94 އުޅަނދު ޗެކުކޮށްފައިވެއެވެ.
މި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި އިހަވަންދޫގައި ދުއްވާ ހުރިހާ އުޅަނދުތައް ބަލައިފާސްކޮށް ރަނގަޅުކުރުމަށް ހުރި ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީ ނަސޭހަތްތެރިވުމާއި، ކޮންމެ ހަފުތާއަކު ޓްރެފިކް އޮޕްރޭޝަނެއް ކުރިއަށް ގެންދިއުމުގެ އިތުރުން ނެއިބަހުޑް ތަކުގައި ހުރި ހަނި ގޯޅިތަކުގައި އެއްފަރާތަށް ޕާކުކުރާގޮތަށް ކައުންސިލާ ގުޅިގެން ހަމަޖެއްސުން ހިމެނެއެވެ.
އިހަވަންދޫގައި ގިނަ އަދަދެއްގެ އުޅަނދު ދުއްވާއިރު މި ޕްރޮގްރާމުގެ އެންމެ ބޮޑު އަމާޒަކީ އަހަރީ ފީއާއި ރޯޑް ވާދިނަސް އަދި އިންޝުއަރެންސް ރަނގަޅަށް ހުރި ނިސްބަތް 90 ޕަސެންޓަށް އެރުވުމެވެ.