
ޓްރެފިކް މޮނީޓަރުން ތާޒާކުރުމުގެ ސެޝަންތަކެއް އައްޑޫ ސިޓީ ބައެއް ސުކޫލުތަކުގައި ކުރިއަށް ގެންގޮސްފިއެވެ.
ގަން ޕޮލިސް ސްޓޭޝަނުން މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މި މެއި މަހުގެ 14، 20 އަދި 21 ވަނަ ދުވަހުއެވެ. މި ސެޝަންތަކުގައި މައުލޫމާތު ދީފައިވަނީ މަރަދޫ ސުކޫލާއި، އިރުޝާދިއްޔާ ސުކޫލު އަދި ފޭދޫ ސުކޫލުގެ ޓްރެފިކް މޮނީޓަރުންނަށެވެ.
މި ސެޝަންތަކުގައި، ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާއިރު ސަމާލުކަންދޭންޖެހޭ ކަންކަން ދަރިވަރުންނަށް ހަނދާންކޮށްދީފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް އިޝާރާތްކުރާނެ ގޮތާއި، މަގު ހުރަސްކުރާ ފަރާތްތަކަށް އެހީތެރިވާނެ ގޮތްތަކުގެ އަމަލީ ތަމްރީނުދީފައިވެއެވެ. މީގެ އިތުރުން، ޓްރެފިކް ގަވާއިދުތަކާއި، މަގުމަތީގެ ނިޝާންތަކަށް ބޯލެނބުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ

މި ސެޝަންތަކަކީ ސުކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދަރިވަރުންގެ ދައުރު ފުޅާކޮށް، އަމަލީ މައިދާނުގައި މަސައްކަތްކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.