
ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ ޑައިވަރުންގެ ޓީމާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.

ކޮމިޝަނަރގެ އޮފީހުގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި، އަގުވަޒަންކޮށް، މަސައްކަތުގައި ދެއްކި ހިތްވަރަށް ސާބަސްދެއްވިއެވެ. އަދި އާންމު ރައްޔިތުންނަށް ހިދުމަތްކުރުމާއި، ފުލުހުންގެ ގާނޫނީ ވާޖިބުއަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށް ހިތްވަރުދެއްވިއެވެ.