
އަޟްހާ ޢީދު ފާހަގަކުރުމަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ “ޢީދު ހަވީރު 1447” ގައި ފުލުހުން ދަނީ ބައިވެރިވަމުންނެވެ.
މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް މި ހަރަކާތްތައް މާލެއާއި، ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ވެސް ކޮންމެ ދުވަހެއްގެ ހަވީރު ކުރިއަށް ގެންދާނެއެވެ.

ޕޮލިސް ސްޓޭޝަންތަކާއި ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުން ގިނަ އަދަދެއްގެ ފުލުހުންގެ ބައިވެރިވުމާއެެކު ކުރިއަށް ގެންދާ މި ހަރަކާތްތަކުގައި ކުޑަކުދިންނާ ގުޅުންހުރި ކުދިން ގަޔާވާނޭފަދަ ތަފާތު ގިނަ ހަރަކާތްތައް ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން، ސްނޭކް އެންޑް ލެޑަރ، ބައިސްކަލު ދުއްވުން އަދި ރެޕެލިންގެ ހަރަކާތްތަކުގެ އިތުރުން ކުދިންގެ ހުނަރު ދައްކައިލުމާއި މިނޫންވެސް ތަފާތު ގިނަ ހަރަކާތްތައް މިއަދުވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރުން، ޑޯގް ސްކޮޑާއި، ފުލުހުންގެ ކާރާއި ސައިކަލުގައި އަދި ފުލުހުންގެ ޔުނީފޯމުލައިގެން ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ކުދިންނަށް ފަހިކޮށްދީފައިވެއެވެ.

ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން ކުލަބު ޖަމުއިއްޔާތައް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ޓްރެފިކް ފްލޯ ބަލަހައްޓައި، އަމަން އަމާންކަން ގާއިމުކުރުމުގައި ވެސް ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ.
އޭގެ އިތުރުން ޢީދު ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ވެސް ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން ދަނީ އަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީ އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ.