
އިންޓަޕޯލުން އިންތިޒާމުކޮށްގެން ބޭއްވި 8 ވަނަ "ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖް / ސައިބަރ ގޭމްސް" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.
މޮރޮކޯގެ މަރަކޭޝްގައި 2026 މެއި 19 އިން 21 އަށް ބޭއްވި ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަންފީޒީ އިދާރާތަކުގެ އޮފިސަރުންނާއި ސައިބަރ ސެކިއުރިޓީ ދާއިރާގެ މާހިރުން އެއްތަނަކުން ބައްދަލުވެ، ސައިބަރ ކުށްތައް ތަހުގީގުކުރުމާއި ޑިޖިޓަލް ސަލާމަތާ ގުޅޭ ފަންނީ ހުނަރުތައް ވަޒަންކޮށް، އިތުރަށް ހަރުދަނާކުރުމަށް ބާއްވާ ބައިނަލްއަގުވާމީ މުބާރާތެކެވެ. މި މުބާރާތުގައި ޑިޖިޓަލް ފޮރެންސިކްސް، އިންސިޑެންޓް ރެސްޕޮންސް، މަލްވެއަރ އެނަލިސިސް، އޯޕަން ސޯސް އިންޓެލިޖެންސް (އޯ.އެސް.އައި.އެން.ޓީ)، ވެބް ސެކިއުރިޓީ، ކްރިޕްޓޯގްރަފީ، ބްލޮކްޗެއިން ތަހުގީގުތައް އަދި ސައިބަރ ސެކިއުރިޓީގެ އެހެނިހެން ހާއްސަ ދާއިރާތަކުން ބައިވެރިން ވާދަކުރެއެވެ.
މި މުބާރާތުގެ ފުރަތަމަ ބުރު ފެށިގެންދަނީ އޮންލައިންކޮށެވެ. މި ބުރުގައި ބައިވެރިން ވަކި ވަގުތެއްގެ ތެރޭގައި ޗެލެންޖެތަކެއް ހައްލުކުރަން ޖެހެއެވެ. މި ބުރުން އެންމެ މަތީ ނަތީޖާ ހޯދާ ފަރާތްތައް ފައިނަލް ބުރަށް ހޮވޭއިރު، ފައިނަލްގައި ކުރިއަށްދަނީ އަމަލީ ގޮތުން ސައިބަރ ކުށްތަކުގެ ތަހުގީގުތައް ހިންގާނެ ގޮތުގެ ސިނާރިއޯތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ހަރަކާތްތަކެކެވެ. މި ހަރަކާތްތަކުގައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ކަންކަން ދިރާސާކޮށް ދެނެގަތުމުގެ ގާބިލުކަން ބޭނުންވެއެވެ.
މި ސައިބަރ ގޭމްސްގައި ބައިވެރިވުމުގެ ސަބަބުން ދިވެހި ފުލުހުންނަށް އެބޭފުޅުންގެ އަމަލީ ހުނަރުތައް އިތުރަށް ވަރުގަދަކުރުމަށާއި، އަލަށް އުފެދެމުން އަންނަ ސައިބަރ ނުރައްކާތަކާއި ތަހުގީގީ އުކުޅުތަކަށް އަހުލުވެރިވުމުގެ ފުރުސަތު ލިބިގެންދިޔައެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސައިބަރ ކުށްތައް ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުވެސް ފަހިވެގެންދިޔައެވެ.