
ދިވެހި ފުލުހުންގެ ހިދުމަތް ފޯރުކޮށްދޭ އިމާރާތްތަކަކީ ފުލުހުންގެ އަމިއްލަ އިމާރާތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ބ. މާޅޮހުގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަން ހުޅުވައިފިއެވެ.
ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، މާޅޮހު ކައުންސިލުގެ ރައީސް މުޙައްމަދު ޠާރިޤް ޢަބްދުއްރައްޒާގުއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި މާޅޮހު ކައުންސިލު މެމްބަރުންނާއި ރައްޔިތުން ބައިވެރިވެލެއްވިއެވެ.

ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވައި، ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ބ. މާޅޮހު ކައުންސިލުން ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުންދީފައިވެއެވެ. މި ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާންއެވެ.
މާޅޮހު ޕޮލިސް ސްޓޭޝަންގެ ބިންގާއަޅައި މަސައްކަތް ފަށާފައިވަނީ 2025 އޮގަސްޓް 14 ވަނަ ދުވަހުއެވެ. މި އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއެވެ. މި އިމާރާތުގައި އިދާރީބަޔަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ.
ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މާޅޮހުގައި ފުލުހުން ގާއިމުވެ ހިދުމަތް ދޭން ފަށާފައިވަނީ 2024 ޖަނަވަރީ 27 ވަނަ ދުވަހުއެވެ.