
ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް (ސަރވިސް ނަންބަރު: 4702) ގެ ޖަނާޒާ ފުލުހުންގެ ފުރިހަމަ އިއްޒަތުގައި މިރޭ ބާއްވައިފިއެވެ.
އިސްލާމީ މަރުކަޒުގައި އޮތް މޫނު ދެއްކުމުގެ ރަސްމިއްޔާތަށްފަހު، މަރޫޙޫމްގެ ކަށުނަމާދު އޮތީ މިރޭގެ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ކަށުނަމާދަށްފަހު މަރްޙޫމް ފަސްދާނުލާފައި ވަނީ މައްޗަންގޮޅި އާސަހަރާގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތަށާއި ޤައުމަށް، މަރްޙޫމް ކޮށްދެއްވި އިޚުލާޞްތެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، މަރްޙޫމްގެ ސަންދޯއް އުފުލާފައިވަނީ ފުލުހުންގެ ސަންދޯއްވެރިން ކޮނޑު މަތީގައެވެ.
މި ޖަނާޒާގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފުލުހުންގެ އިސް އޮފިސަރުންނާއި، ޚިދުމަތުގައި ތިއްބެވި އަދި ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހިތާމައިގެ މި ދަނޑިވަޅުގައި، މަރްޙޫމްގެ ޢާއިލާއަށާއި، ރަޙުމަތްތެރިންނަށާއި، އެކުގައި މަސައްކަތް ކުރެއްވި ފުލުހުންނަށް ތަޢުޒިޔާ އަރިސްކުރަމެވެ.
މާތްﷲ މަރްޙޫމްގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން.