
އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭ.އެފް.ޕީ) އިން އިންތިޒާމްކޮށްގެން ވިއެޓްނާމްގައި ކުރިއަށްގެންދިޔަ "އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމް" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީޙް އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ބައިވެރިވެއްޖެއެވެ.
2026 ޖޫން 2 އިން 10 އަށް ކުރިއަށްދިޔަ މި ޕްރޮގްރާމަކީ ސަރަހައްދީ ފެންވަރުގައި ކުރިމަތިވާ ސަލާމަތީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމަށްޓަކައި، ސަރަހައްދުގެ ގައުމުތަކުގެ ތަންފީޒީ އިދާރާތަކުގެ އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކުގެ ޑިޖިޓަލް ފުޓްޕްރިންޓާއި، ޓެކްނޮލޮޖީގެ ދާއިރާއިން އަލަށް ތައާރަފުވަމުންދާ ކަންކަމުގެ އިތުރުން، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާނެ އުކުޅުތަކުގެ މައްޗަށެވެ. މީގެ އިތުރުން، ބަދަލުވަމުންދާ ކުށުގެ ވެށީގައި ސަރަހައްދީ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކޮށްފައިވެއެވެ.
ބައިނަލްއަގްވާމީ ތަމްރީނުތަކާއި އެއްބާރުލުން ދިނުމުގެ ފުރުސަތުތަކުގެ ބޭނުންހިފައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް ހާއްސަ އިސްކަމެއް ދޭ ކަމެކެވެ.