
މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ ބައްޕާފުޅާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައި ތައުޒިއާ ދަންނަވައިފިއެވެ.
މަރުހޫމް އަޙްމަދު ޢާސިފްގެ ބައްޕާފުޅާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރެއްވީ މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވައި ދަތުރުފުޅުގެ ތެރެއިން ހއ. އުލިގަމަށް ވަޑައިގެންނެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވި އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަ ފުޅުގައި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް ގައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔުމަކީ އާއިލާގެ އިތުރުން މުޅި ގައުމަށް ލިބުނު ހިތާމައެއްކަން ފާހަގަ ކުރެއްވިއެވެ.
މަރުހޫމް އަޙްމަދު ޢާސިފް ގައުމަށް ކޮށްދެއްވި ހިދުމަތް ފާހަގަކުރައްވައި، މަރުހޫމްގެ ހިދުމަތާއި ވެވަޑައިގަތް ގުރުބާނީގެ ހަނދާންތައް، ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އާކުރާނީ އިހުތިރާމާއި ޝަރަފާއެކުކަން ކޮމިޝަނަރ މި ބައްދަލުވުމުގައިވެސް ތަކުރާރުކުރެއްވިއެވެ.