
ތ. ދެ ރަށެއްގެ ސުކޫލު ދަރިވަރުންނަށް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ވޭމަންޑޫ ސުކޫލު ދަރިވަރުންނާއި ކިނބިދޫ ސުކޫލު ދަރިވަރުންނަށެވެ.
މި ދެ ސެޝަންގެ ތެރެއިން ވޭމަންޑޫ ސުކޫލު ދަރިވަރުންނަށް ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހު 15 އިން 18 އަށެވެ. ތިމަރަފުށި ޕޮލިހާއި ވޭމަންޑޫ ޕޮލިސް ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަންގައި މައުލޫމާތު ހިއްސާކޮށްފައިވަނީ ‘ސައިބަރ ކްރައިމް އެންޑް ސޯޝަލް މީޑިއާ އެވެއާނެސް އަދި އެންޓި ބުލީއިންގ’ އާ ގުޅޭގޮތުންނެވެ.
މި ސެޝަންގައި، އިންޓަނެޓް ބޭނުންކުރާއިރު ވިސްނަންޖެހޭ ކަންކަމާއި އިންޓަނެޓުން ދިމާވާ އެއްވެސް މީހަކަށް ތިމާގެ ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް މައުލޫމާތު ދީފައިވެއެވެ. އަދި އިންޓަނެޓް މެދުވެރިކޮށް އާންމުކޮށް ހިންގާ ކުށްތަކާއި މިފަދަ ކުށްކުރާ މީހުންގެ ކިބައިން ދަރިވަރުންނާއި ދަރިވަރުން ބޭނުންކުރާ ޑިވައިސްތައް ރައްކާތެރިކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ބޭކާރުގޮތުގައި އިންޓަނެޓް ބޭނުންކުރުމުގައި ވަގުތު ހޭދަނުކުރުމަށާއި ބެލެނިވެރިންގެ ހާޒިރުގައި ހެޔޮ ގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އޭގެ އިތުރުން، އާންމުކޮށް އިންޓަނެޓްގެ ޒަރީއާއިން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސައިބަރ ބުލީއިންގ ކަމުގައި ބުނެދީ މިކަމުގެ ސަބަބުން ނަފުސާނީގޮތުން ދަރިވަރުންނަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. ހަމައެހެންމެ މިފަދަ ކަންކަމާ ގުޅޭގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނޫގައި ބަޔާންކޮށްފައިވާ ކަންކަމާއި މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތަކުގެ މައުލޫމާތު ވެސް ހިއްސާކުރެވުނެވެ.

ކިނބިދޫ ސުކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހު 17 ވަނަ ދުވަހުއެވެ. އެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ސެޝަނުގައި އިހުތިރާމު ކުރުމަކީ ކޮބައިކަމާއި އެއްކުއްޖަކު އަނެއް ކުއްޖަކާ ބައްދަލުވާއިރު އިހުތިރާމާއެކު ބައްދަލުކުރުމަށް ބުނެދެވުނެވެ. އަދި ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކޮށް އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ވެސް ކިޔައިދެވިފައިވެއެވެ. މީގެއިތުރުން ވެސް ދަރިވަރުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އިތުބާރު ދެމެހެއްޓުމަށާއި ބަސްއަހައި އަހުލާގު ރަނގަޅު ދަރިވަރުންގެ ގޮތުގައި ތިބުމަށް ވެސް އެ ދަރިވަރުންނަށް ކިޔައިދީފައިވެއެވެ. މި ސެޝަނަކީ ކިނބިދޫ ސުކޫލާއި ކިނބިދޫ ޕޮލިސް ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ.
އަހުލާގު ރަނގަޅު ޖީލެއް ބިނާކޮށް، ކުށްތަކުން ދަރިވަރުން ރައްކާތެރިކުރުވައި އަދި ޒިންދާމާރު ދަރިވަރުންތަކެއް އުފެއްދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ. އަތޮޅު ރަށްތަކުގައި ފުލުހުން ގެންދަނީ މިފަދަ ސެޝަންތައް ހިންގަމުންނެވެ.