
ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ، ހިޒް އެކްސެލެންސީ މުޙައްމަދު ރިޒްވީ ޙަސަން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ހަރ އެކްސެލެންސީ ތިމުތު ދިސާނަޔަކަ އާއި، ސްރީލަންކާ ހައިކޮމިޝަންގެ ތާރޑް ސެކްރެޓަރީ (އިކޮނޮމިކް އެންޑް ވެލްފެއަރ) މިޒް ނިޝާންތާ ކަމްބުރަދެނިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ސްރީލަންކާގެ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންނެވެ.
މީގެ އިތުރުން، މިހާރު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން އިތުރުކުރުމަށް ސްރީލަންކާއިން ދެމުންދާ އެހީތެރިކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އަދި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، ފަންނީ ތަރައްގީއާއި، ފުލުހުންގެ މަސައްކަތުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ސްރީލަންކާގެ ފަރާތުން ދިވެހި ފުލުހުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދެފަރާތުންވެސް އިސްކަންދޭ މުހިންމު ކަންކަމުގައި ދެފަރާތުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ކޮމިޝަނަރ ދެއްވިއެވެ.