
“އިންސްޕަޔަރިންގ ޔަންގް ލީޑާސް” ޕްރޮގްރާމް އަމީނިއްޔާ ސުކޫލު ސުޓޫޑެންޓް ކައުންސިލު ދަރިވަރުންނަށް ކުރިއަށް ގެންގޮސްފިއެވެ.
އަމާންވެށި ޕްރޮގްރާމުގެ ދަށުން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ގަލޮޅު ޕޮލިސް ނެއިބަހުޑް އެންޑް ކްރައިމް ޕްރިވެންޝަން އަދި ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓް ގުޅިގެންނެވެ.
ޖޫން 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ލީޑަޝިޕްސް ސްކިލްސްއާއި، ލީޑަރުންނަކީ ކޮބައިކަމާއި، ލީޑަރުންގެ އިރުޝާދުގެ ދަށުން ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކަންތައް ތަކުން ރައްކާތެރިވުމަށް ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތާއި، މައިންބަފައިންނަށް ކަމޭހިތުމުގެ މުހިންމުކަމާއި އާންމު ދިރިއުޅުމުގައި ދަރިވަރުންގެ ޒިންމާއާއި އެ ޒިންމާ އަދާކުރުމަށް މަސައްކަތްކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ވަޒީފާއަކަށް ކުރިމަތިލާއިރު ވިސްނަންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނަށް ހަނދާނީ ލިޔުން ދީފައިވެއެވެ.