
އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށާއި، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެގޮތް ދަސްކޮށްދިނުމަށް ބ. ކެންދޫ ސުކޫލު ގުރޭޑު 7 އިން 9 ގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޖޫން މަހުގެ 25 ވަނަ ދުވަހު މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ކެންދޫ ޕޮލިސް ޕޯސްޓާއި، އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ކެންދޫ ސުކޫލު ގުޅިގެންނެވެ.
މި ސެޝަންގައި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށްކުރާ މީހުންގެ ކިބައިން ރައްކާތެރިވުމަށް، އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އޮންލައިން ގޭމު ކުޅޭނަމަ ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. ހަމައެހެންމެ އިންޓަނެޓުން ދިމާވާ އެއްވެސް މީހަކަށް ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި އެއްވެސް ކަމެއް ދިމާވެއްޖެނަމަ ބެލެނިވެރިންނާ ހިއްސާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އޭގެ އިތުރުން، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައްތަކުން ރައްކާތެރިވެތިބުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާއި ކުށްތަކަށް އަރައިގަންނަ މީހުންނާމެދު ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތައް ކިޔައިދީފައިވެއެވެ.