
ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތަށްޓަށް ކުޅެވޭ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކާމިޔާބުކޮށް، ފޮރެންސިކް ފްރެންޑްސްއިން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
މި ފޯރިގަދަ ފައިނަލް މެޗުގައި ބައްދަލުކުރީ ފޮރެންސިކް ފްރެންޑްސް އާއި އައިޑީ ކްލަބެވެ. މި މެޗު ފޮރެންސިކް ފްރެންޑްސްއިން ކާމިޔާބުކުރީ 3 ސެޓު 1 ސެޓުން އައިޑީ ކްލަބް ބަލިކުރުމަށްފަހުއެވެ.
މިދުޔަ ހުކުރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދިޔަ މި މެޗު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ކްލަބުގެ ރައީސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދާއި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަންހެން ނައިބު ރައީސް އާއިދާ ޢަބްދުލް ޙަކީމްގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފައެވެ. އެގޮތުން، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފޮރެންސިކް ފްރެންޑްސްގެ އާމިނަތު މާނާ ނާޒިމެވެ. މާނާ ވަނީ މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފޮރެންސިކް ފްރެންޑްސްގެ އާމިނަތު ސަހާ ސާމިންއެވެ.
މި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ މަގާމު ހާސިލުކުރީ ފޮރެންސިކް ޓީމުގެ އާމިނަތު މާނާ ނާޒިމް، ހައިފާ ޢިމާދު އަދި އާމިނަތު ސަހާ ސާމިންގެ އިތުރުން، އެސްއޯއާރުސީގެ މަރިޔަމް އަނާލް އަދި އައިޑީ ކްލަބުގެ އާމިނަތު ޢަރީޝާ އާއި ޙައްވާ ރާޝިދާއެވެ.

މުބާރާތުގެ އެންމެ މޮޅު ލިބެރޯގެ މަގާމު ފޮރެންސިކް ފްރެންޑްސްގެ އާމިނަތު އައިކާ ޢަލީ ހޯދިއިރު، އެންމެ ހިންގުންތެރި މެނޭޖަރަކަށް ހޮވުނީ އެ ޓީމުގެ ވިޝާނާ ޢަބްދުއް ރައްޒާޤެވެ. މީގެއިތުރުން، އެންމެ ފައިދާހޯދައިދިން ކޯޗުގެ މަގާމު ފޮރެންސިކް ފްރެންޑްސްގެ ޖުނައިދު ޢަބްދުﷲ ހާސިލުކުރިއިރު، ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ އެސްއޯއާރުސީ ހާޓްބީޓެވެ.
މުބާރާތުގެ ރަނަރަޕް ޓީމު، އައިޑީ ކްލަބަށް މެޑަލް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީއެވެ. އަދި ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދެވެ.
އަންހެން ޑިވިޝަންގެ ކުޅުން ނިމުނުއިރު، މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުޅުން މިހާރު ވަނީ ފެށިފައެވެ. ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުގެރޭގައެވެ.