
ޕޮލިސް ކްލަބުން އިންތިޒާމުކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކަށް އަމާޒުކޮށްގެން މިހާރު ކުރިއަށްދާ "ސީޕީ ކަޕް ވޮލީބޯޅަ މުބާރާތް" ގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލްގައި ވާދަކުރާނެ ހަތަރު ޓީމު ކަށަވަރުވެއްޖެއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ޖުމްލަ 9 ޓީމަކުން ބައިވެރިވެފައިވާއިރު، މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ރޭ ނިމުނު ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު، ގްރޫޕް އޭ އިން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ހޯދި އެސްއޯއާރުސީ އަދި ފޮރެންސިކް ފްރެންޑްސް އެވެ. ގްރޫޕް ބީ އިން ސެމީގެ ޖާގަ ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ހޯދި ޑީއީ އަދި އައިޑީ ކްލަބް އެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ 20:15 ގައި ބައްދަލުކުރާނީ އެސްއޯއާރުސީ އާއި އައިޑީ ކްލަބެވެ. އަދި ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ ޑީއީ އާއި ފޮރެންސިކް ފްރެންޑްސް އެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ރޭގައެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެ މެޗާއި ފައިނަލް މެޗު، ޕޮލިސް ކްލަބުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.