
މާލޭގެ ރިންގް ރޯޑް ތަރައްގީކުރުމުގެ މަޝްރޫއުގައި ހީވާގިކަމާއެކު މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ރިންގް ރޯޑް ޑިވެލޮޕްމަންޓް ޓީމުގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ހަވީރުގެ ސައެއް ބާއްވައިފިއެވެ.

އިޖުތިމާއީ މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 2026 ޖުލައި 6 ވަނަ ދުވަހުގެ ހަވީރު 4:00 ގައި، ފުލުހުންގެ މައި އިދާރާ ކުރިމަތީގައެވެ. މިއީ މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށާއި، އުމްރާނީ ތަރައްގީގެ މުހިންމު މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންނަށް ޝުކުރުއަދާކޮށް ހިތްވަރުދިނުމުގެ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ ދައުވަތަކަށް ބޭއްވުނު ހަރަކާތެކެވެ.

މި ހަރަކާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސައުދީގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި ރިންގް ރޯޑް މަޝްރޫއުގައި އަމަލީ ގޮތުން މަސައްކަތްކުރާ ޓީމުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.