
ޕޮލިސް ކުލަބުން އިންތިޒާމުކޮށްގެން ދިވެހި ފުލުހުންގެ ބަހާތަކުގެ މެދުގައި ކުރިއަށް ގެންދިޔަ ފިރިހެން ޑިވިޜަންގެ ފައިނަލް މެޗު ފޯރިދަގަ، ބަލާހިތްވާފަދަ ރީތި ކުޅުމަކަށްފަހު އެސްއާރުސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. އެސްއޯއާރުސީ ޗެމްޕިއަންކަން ހޯދީ ފޮރެންސިކް ފްރެންޑްސައާއި ވާދަކޮށް 3 ސެޓު 2 ސެޓުން މެޗުކާމިޔާބުކޮށްގެންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ޝަރަފުވެރިކޮށްދެއްވި މި މެޗުގެ ފުރަތަމަ ސެޓު، ވާދަވެރި ކުޅުމަކަށްފަހު އަޙުމަދު ނާފިޢުއާއި މުޙައްމަދު ޔާސީންގެ ބާރުހަމަލާތަކާއެކު 26 ޕޮއިންޓު 24 ޕޮއިންޓުން ކާމިޔާބުކުރީ އެސްއޯއާރުސީ އިންނެވެ. މެޗުގެ ފުރަތަމަ ސެޓު ގެއްލުނު ކަމުގައިވީނަމަވެސް ކަށިން ހިތްވަރުނެރެގެން ކުޅެމުންދިޔަ ފޮރެންސިކް ފްރެންޑްސްގެ ޓީމުންވަނީ ޖެހިގެން ކުޅުނު 2 ސެޓު 25 ޕޮއިންޓު 21 ޕޮއިންޓުން އަދި 25 ޕޮއިންޓު 23 ޕޮއިންޓުން ކާމިޔާބުކޮށް ރާއްޖޭގެ ގައުމީ ޓީމުގައި މިހާރު ހިމެނޭ 3 ކުޅުންތެރިންނާއި ކުރިން ގައުމީޓީމަށް ކުޅެފައިތިބި 2 ކުޅުންތެރިން ހިމެނޭ އެސްއޯއާރުސީއަށް ވަރުގަދަ ރައްދެއް ދީފައެވެ.

މި 2 ސެޓް ކާމިޔާބުކުރުމުގައި ފޮރެންސިކް ޓީމުގައި ހިމެނޭ، ގައުމީޓީމުގައި މިހާރު ހިމެނޭ މައުޒޫނުގެ އިތުރުން އެޓީމުގެ ހައިލަމްއާއި ޢަލީ ރިޒާ އަދި ނާހިލްގެ ކުޅުން ވަރަށްބޮޑަށް ފާހަގަވިއެވެ. 2 ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޅުންތެރިންނަށް ދެމުންދިޔަ ސަޕޯޓާއެކު މެޗުގެ 4 ވަނަ ސެޓު، ކުރިން ކުޅުނު 3 ސެޓަށްވުރެ ވެސް ފޯރިގަދަވެގެން ދިޔައެވެ. ސެޓުގެ ފަހުކޮޅަށް ދިޔައިރު ފޮރެންސިކުން ސެޓު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދަފާނެކަމަށް ބެލެވުނު އެތައްވަގުތެއްދިޔައެވެ. 24 – 21 އިން ފޮރެންސިކް ސެޓު ލީޑުކުރަމުން ދަނިކޮށް އެސްއޯއާރުސީގެ މުޙައްމަދު ޔާސީންގެ މޮޅު ސާވިސްތަކާއެކު 24 – 24 އިން އެއްވަރުކުރިއެވެ. އަނެއްކާވެސް ފޮރެންސިކުން ޕޮއިންޓެއް ހޯދައި ލީޑު ނެގި ކަމުގައިވީ ނަމަވެސް މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި އެސްއޯއާރުސީގެ ސެޓަރުގެ ރީތި ހިއްލުންތަކާއެކު ޝުޢައިބުއާއި ނާފިޢުގެ ބާރު ހަމަލާތަކާއެކު 27 ޕޮއިންޓު 25 ޕޮއިންޓުން ސެޓު ހޯދައި ނަތީީޖާ ކަނޑައެޅުމަށް 5 ވަނަ ސެޓަށް މެޗު ދަންމާލިއެވެ.

5 ވަނަ ސެޓު ފަށައިގެން ފޮރެންސިކް ފެނުނީ ކުރީ ސެޓުތަކަށްވުރެ ވެސް މާވަރުގަދަކޮށެވެ. މުޅިސެޓުގައި އެސްއޯއާރުސީއަށް ކުރި ހޯދުމަށް އެންމެ އިންޗިއެއްވެސްނުދީ ކުޅެމުންގޮސް 14-12 އިން ލީޑްނަގައި އެސްއޯއާރުސީ ސިއްސުވާލިއެވެ. އެހެން ނަމަވެސް އެސްއޯއާރުސީގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ އެހީގައި ހިތްވަރުދޫކޮށްނުލައި ކުރަމުންދިޔަ ގަދަ ހިތްވަރުގެ ނަތީޖާއަކަށްވެގެންދިޔައީ މުޅިސަރަހައްދު ގުގުމާލުމަށްފަހު 17 ޕޮއިންޓު 15 ޕޮއިންޓުން ސެޓު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރުމެވެ.
ފައިނަލް މެޗު ނިމުމުން މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް އިނާމުދިނުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ދިވެހި ގައުމީ ވޮލީޓީމުގެ ކޯޗިންގ ސްޓާފުންގެ އިތުރުން ދައުވަތު އެރުވިގެން ވަޑައިގެންނެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްއޯއާރުސީގެ ޝާއިން ޢަބްދުﷲއެވެ. މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވުނީ އެސްއޯއާރުސީގެ ޝުޢައިބު ޢަބްދުލް ލަޠީފްއާއި، މުޙައްމަދު ޔާސީންއާއި، އަޙުމަދު ނާފިޢުގެ އިތުރުން ފޮރެންސިކް ފްރެންޑްސްގެ މައުޒޫން ނިޔާޒާއި، ހައިލަމް ޙަސަންއާއި، ޑީއީގެ ޔައީޝް ރިފްޢަތު ޙަމީދެވެ. އެންމެ މޮޅު ލިބެރޯ ކުޅުންތެރިއަކަަށް ހޮވުނީ ޑީއީގެ މުޙައްމަދު ޢަލީއެވެ. 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އައިޑީ ކުލަބުގެ މުޙައްމަދު ލަޠުފާނެވެ. ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ސައުތު ސެންޓްރަލް ޕޮލިސްއެވެ. މުބާރާތުގެ އެންމެ ހިންގުންތެރި މެނޭޖަރަކަށް އެސްއޯއާރުސީގެ މެނޭޖަރު މުޙައްމަދު އަރުޝަދު ހޮވުނުއިރު ކާމިޔާބުކޯޗަކަށް ހޮވުނީ އެސްއޯއާރުސީގެ ކޯޗް ޚާލިދު މުޙައްމަދުއެވެ.
ޗެމްްޕިއަން ޓީމަށް ތަށްޓާއި މެޑަލް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހުމާނު ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. ރަނަރަޕް ޓީމަށް ހޮވުނު ފޮރެންސިކް ފްރެންޑްސްއަށް މެޑަލް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

މި ރަސްމިއްޔާތުގައި، މުބާރާތް ހިންގުމުގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާތީ ލިލީއެންޓަރޕްރައިސަސް އެންޑް މައިލޯއާއި، މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީއާއި، ދިވެހި ގައުމީ ދިފާއީބާރަށް ހަނދާނީ ފިލައެއް ވަނީ ދީފައެވެ. މި ފިލާތައް ހަވާލުކޮށްދެއްވީ ޕޮލިސް ކުލަބުގެ ރައީސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދެވެ. މުބާރާތުގެ ރެފްރީންނަށް ހަނދާނީ މެޑަލް ހަވާލުކޮށް ދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފްއެވެ.