
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްއާއި ސެންޓްރަލް އަދި ސައުތު ސެންޓްރަލް ޕޮލިސް ގުޅިގެން ދ. ވާނީގައި ކުރިއަށް ގެންދިޔަ “ފަސްޓްލައިން މެނޭޖްމަންޓް ކޯސް - ”15 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ސެންޓްރަލް އަދި ސައުތު ސެންޓްރަލް ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށެވެ.
ކޯސް ނިންމުމަށް މި ޖުލައި މަހުގެ 7 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސަދަން ޕޮލިސް ޑެޕިއުޓީ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޔޫނުސް ޞަބާހްއެވެ. މި ރަސްމިއްޔާތުގައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޑެޕިއުޓީ އެކްޒެކެޓިވް ޑިރެކްޓަރ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރުއާއި، ވާނީ ޕޮލިސް ޓްރެއިނިންގ ސެންޓަރުގެ އެކްޓިން ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ލަތީފްއާއި، މ، ދ އަދި ލ އަތޮޅު ކޮމާންޑަރުން ބައިވެރިވެލެއްވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެސިސްޓެންޓް ކޮމިޝަނަރ ޔޫނުސް ޞަބާހް ދެއްކެވި ވާހަކަފުޅުގައި، އަބަދުވެސް ދެ ކަމެއް ހަނދާނުގައި ބެހެއްޓުމަށް ކޯހުގެ ބައިވެރިންނަށް އިރުޝާދުދެއްވިއެވެ. އެގޮތުން، ފުރަތަމަ ކަމަކަށް، ފުލުހުންނަށް ލިބިގެންވާ ބާރާއި އިހުތިޔާރު ރަނގަޅަށް ބޭނުންކުރުމަށް އިރުޝާދުދެއްވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި އިރުޝާދުދެއްވީ ގާބިލު މީހަކަށް ވުމަށް އިތުރަށް މަސައްކަތްކުރުމަށެވެ. އޭގެ އިތުރުން، ކޯސް ފުރިހަމަކުރި ފުލުހުން ވަނީ ލީޑަރޝިޕްގެ ވަރަށް މުހިންމު ފިޔަވަޅެއް އަޅާފައިކަމަށާއި އެންމެ ހާއްސަ ކަމަކީ ފަރުދީގޮތުން ލިބިގެން ދިޔަ އިލްމާއި، ހުނަރާއި، ގާބިލިއްޔަތުކަމަށްވުރެ ބޮޑަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އަދި ކޮމާންޑުގެ މުވައްޒަފުންތަކެއްގެ ލީޑަރޝިޕްގެ އައު ސަފުހާއެއް ހުޅުވިގެން ދިއުން ކަމަށާއި ކޯސް ފުރިހަމަކުރި ކޮންމެ ފުލުހަކީ ވެސް، އެ ފުލުހަކާ މެދު މުއައްސަސާއިން އައު ތަސައްވުރެއް ދެކޭނެ ފުލުހެއް ކަމަށާއި ކުރިއަށްވުރެ ބޮޑު އިތުބާރެއް މުއައްސަސާއިން ކުރާނެ ފުލުހުންތަކެއް ކަމަށް ވިދާޅުވިއެވެ.
މި ކޯހުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ސާޖަންޓް އަބްދުލް މުހައިމިނު އަބްދުﷲއެވެ.

ފާއިތުވި ޖޫން މަހުގެ 7 އިން މި ޖުލައި މަހުގެ 5 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި، ސެންޓްރަލް އަދި ސައުތު ސެންޓްރަލް ޕޮލިސްގެ 30 ފުލުހުން ބައިވެރިވިއެވެ. މިކޯހުގައި، ލީޑަރޝިޕް އެތިކްސް އެންޑް ޕީޕަލް މެނޭޖްމަންޓް، ސްޓްރެޓެޖިކް އެންޑް އޮޕަރޭޝަނަލް ލީޑަރޝިޕް، ލީގަލް އެވެއާނެސް އެންޑް ކޮމިއުނިޓީ ޕޮލިސިންގ، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް ފަދަ މޮޑިއުލްތަކާއި އެ މޮޑިއުލްތައް ހިމެނޭ ސިނާރިއޯ ބޭސްޑް ޓްރެއިނިންގ ކުރިއަށް ގެންގޮސްފައިވެއެވެ.
އޭގެ އިތުރުން، ޑްރިލް ކުލާސްތަކާއި، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަގުސަދުގައި 7 ކިލޯ މީޓަރުގެ ދުވުން ބާއްވާފައިވެއެވެ. އަދި ޕްރެޒެންޓޭޝަން ސްކިލްސްއާއި ކޮމިއުނިކޭޝަން ސްކިލްސް އުނގަންނައިދީފައިވެއެވެ. އަދި ރައްޔިތުންނާ ގާތުން، ހިތްއެދޭފަދަ ހިދުމަތެއް ދިނުމަށް ވާހަކަ ދެއްކުމުގެ ހުނަރާއި، ބޭނުންކުރާނެ އުކުޅުތައް ދަސްކޮށްދީފައިވާއިރު، ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމުގެ އިތުރުން ގާނޫނުތަކަށް އަހުލުވެރިކޮށް، ދިމާވާ ގޮންޖެހުންތައް ގިރާކުރާނެ ގޮތް އުނގަންނައިދީފައިވެއެވެ.