
ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ.
މި ޖުލައި މަހުގެ 6 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) އާއި، ބަންގްލަދޭޝް، ޝާހު އަލްތަބުރް ރަޙްމާން (31އ) އެވެ.
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އެ މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށާއި މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ރައްކާތެރިކޮށް ސަލާމަތްކުރުމަށް ކާމިޔާބު ގިނަ އޮޕަރޭޝަންތަކެއް ހިންގައި އަދި ގިނަ މަސައްކަތްތަކެއް ފުލުހުން ދަނީ ކުރަމުންނެވެ.