
ބ. ދޮންފަނާއި، ހިތާދޫ އަދި އޭދަފުށީގައި ކުށްމަދުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތަކަކީ ކުށްމަދު އަމާން މުޖުމަތަމައެއް ބިނާކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ކުށްތަކުން ރައްކާތެރިވެ ތިބުމަށް ރައްޔިތުން ހޭލުންތެރިކުރުވައި ޒިންމާދާރުކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތްތަކެކެވެ.
މި ހަރަކާތްތަކުގައި، މި މަހު 6 ވަނަ ދުވަހާއި 4 ވަނަ ދުވަހު ދޮންފަނާއި ހިތާދޫ ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައިވާއިރު މި މަހު 2 ވަނަ ދުވަހު ރައްޔިތުންނާ ގާތުން ބައްދަލުކޮށް މައުލޫމާތުދީ ހޭލުންތެރިކުރުވުމަށް އޭދަފުށީގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އެގޮތުން، ދޮންފަނާއި ހިތާދޫގެ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ ހަރަކާތުގައި، ސްކޭމްގެ މައްސަލަތަކުން ސަލާމަތްވުމަށާއި ކާކުކަން ނޭނގޭ މީހުން ގުޅައިގެން ވިޔަފާރީގެ މުއާމަލާތުކުރާއިރު ހާއްސަ ސަމާލުކަންދިނުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އޮންލައިންކޮށް ކުރާ ވިޔަފާރިތަކަށް ސަމާލުކަންދިނުމަށާއި ފައިސާ ޓްރާންސްފަރކުރުމަށްފަހު ފޮނުވާ ސްލިޕްގެ ސައްހަކަން ކަށަވަރުކުރުމަށް ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރު ބަލައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ފުލުހުންނަށް ފާހަގަކުރެވުނު ކަންކަން ބުނެދީ އެ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވެއެވެ. އަދި ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އަމަލުކުރަންޖެހޭ ގޮތްތައް ކިޔައިދީފައިވެއެވެ.

އޭދަފުށީގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވާފައިވެއެވެ. އަދި މިވަގުތަށް ހައްލުކުރެވެން ހުރި ކަންކަން ބަލައި ފުލުހުންގެ ފަރާތުން ރަނގަޅުކުރަން ރައްޔިތުން އެދޭ ކަންތައްތައް ވެސް އޮޅުންފިލުވާފައިވެއެވެ. އަދި އާންމުކޮށް ހިނގާ ކުށްތަކުގެ މައުލޫމާތާއި މުދަލާއި ގެދޮރު ރައްކާތެރިކަމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށްކުރާ އެކި ކަންކަމާއި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތްތަކާ އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތްތައް ބުނެދީފައިވެއެވެ. ހަމަ އެހެންމެ، މީސްމީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި ޒާތީ މައުލޫމާތާއި ބެންކު އެކައުންޓުގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު އެހެން މީހަކާ ހިއްސާ ނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އޭގެ އިތުރުން ވެސް، ކުށްމަދު އަމާން ތަނެއްގެ ގޮތުގައި ރަށް ބޭއްވުމަށް ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.