
ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް، ސުކޫލު ދަރިވަރުންނާ ބެލެނިވެރިން ، ހޭލުންތެރިކުރުވައި މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ރަނގަޅުގޮތުގައި ދަރިން ތަރުބިއްޔަތުކޮށް ދަރިވަރުން ޒިންމާދާރުކުރުވުމުގެ ގޮތުން ކ. ގާފަރު ސުކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 7 ވަނަ ދުވަހު އެ ސުކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި ބެލެނިވެރިންނަށް މައުލޫމާތު ދީފައިވަނީ ކުށްމަދު އަމާން މުޖުތަމައަކަށް ދަރިން ހޭލުންތެރިކުރުވުމުގައި ބެލެނިވެރިޔާގެ ދައުރާއި ރަނގަޅު ގޮތުގައި ދަރީން ތަރުބިއްޔަތުކުރުމާ ގުޅޭގޮތުންނެވެ. ގާފަރު ޕޮލިހާއި ކާށިދޫ ޕޮލިސް ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަނުގައި އެ ސުކޫލުގެ 50 ބެލެނިވެރިން ބައިވެރިވިއެވެ.

މި ސެޝަނުގައި، ބެލެނިވެރިކަން އަދާކުރުމުގައި ވިސްނަންޖެހޭ ކަންކަމާއި، ކުށްތަކުން ދަރިން ރައްކާތެރިކުރުވުމަށް ދަރިންނަށް ރަނގަޅު ނަސޭހަތްދިނުމަށާއި ރައްކާތެރި އަމާން މުޖުތަމައުކަށް ދަރިން ލޯ ހުޅުވައިދިނުމަށް ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރެވޭނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދަރިންނާއެކު އެކުވެރި މާހައުލެއްގައި މަސައްކަތްކޮށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިކޮށްދިނުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ދަރިންނާއި ބެލެނިވެރިންނާ ދެމެދު ރަނގަޅު ގުޅުމެއް އުފެއްދުމުގެ މުހިންމުކަމާއި ބެލެނިވެިޔާއަކީ ދަރިން އިތުބާރުކުރާ މީހަކަށްވުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. ހަމަ އެހެންމެ ދަރިންކުރާ ރަނގަޅު ކަންކަމުގައި އެއްބާރުލުންދީ ހިތްވަރުދިނުމުގެ މުހިންމުކަމުކަމާއި ދަރިންގެ މެދުގައި ތަފާތު ނުކުރުމާއި، ދަރިން ވަގުތު ހޭދަކުރާ މާހައުލަކީ ކޮބައިކަން ދެނެގަތުމަށް ކޮންމެ ބެލެނިވެރިޔަކު ވެސް މަސައްކަތް ކުރުމަށް ހަނދާންކޮށްދީފައިވެއެވެ.
އޭގެ އިތުރުން ވެސް، ކުށުގެ މާހައުލުން ދަރިން ރައްކާތެރިކުރުމަށް ދަރިންގެ އެކުވެރިންނަކީ ކޮންކަހަލަ ބައެއްތޯ ބެލުމުގެ މުހިންމުކަމާއި ކާމިޔާބު ބެލެނިވެރިއަކަށް ވުމަށް ދަރިންގެ މިޒާޖު ދެނެގަތުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
މިފަދަ ސެޝަންތަކުގެ ސަބަބުން މުޖުތަމައުގައި ކުށްކުރާ މިންވަރު މަދުވެ ކުށުގެ މާހައުލަށް ހުށަހެޅޭ ކުޑަކުދިންގެ އަދަދު މަދުކުރެވިގެންދާނެއެވެ. އަދި ކުށްތަކުން ރައްކާތެރިވެ ތިބުމަށާއި ކޮންމެ ކުއްޖަކީ ވެސް މުޖުތަމައަށް ބޭނުންހިފޭނެ ކުއްޖަކަށްވުމަށް މަސައްކަތްކޮށްދިނުމަށް ބެލެނިވެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.