
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުންތަޒިމް އިބްރާހީމާއި ކާށިދޫ ކައުންސިލްގެ ރައީސް ޞަބާޙް މުޙައްމަދު އަދި ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވުނު މި ބައްދަލުވުމުގައި، ކާށިދޫގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ރަށުގެ އިޖުތިމާއީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި ކާށިދޫ ކައުންސިލާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުންވެސް ވަނީ ރަށުގެ ކަންބޮޑުވުންތައް ދެނެގަނެ، ކުރިމަތިވާ މައްސަލަތަކަށް އަވަސް އަދި އެދެވޭ ހައްލެއް ހޯދުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރަށުގައި ފުލުހުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ދެ ފަރާތުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.
ކާށިދޫ ކައުންސިލްގެ ރައީސްއާއި މެންބަރުން ވަނީ މިހާރުވެސް ކާށިދޫގައި މަސައްކަތްކުރަމުންދާ ފުލުހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ފުލުހުންގެ ފަރާތުން ރަށުގެ މުޖުތަމައަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކާއި އެހީތެރިކަމަށްޓަކައި ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ.
މި ބައްދަލުވުމުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، މުޅި ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމުގައި، ލޯކަލް ކައުންސިލްތަކާއި މުޖުތަމައާ ގުޅިގެން މަސައްކަތްކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އިސްކަންދޭ ކަމެއްކަން ފާހަގަކުރައްވާފައެވެ.