
ހުޅުމާލެ ފޭސް 2، ޝަހީދު ޢަލީ ސުކޫލު ދަރިވަރުންނަށް ”އިންސްޕަޔަރިންގ ޔަންގް ލީޑަރސް" ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.
މި ޖުލައި މަހުގެ 11 ވަނަ ދުވަހު، ހުޅުމާލެ ފޭސް 2 ޕޮލިސް ކްރައިމް ޕްރިވެންޝަން އެންޑް ނެއިބަހުޑް ސަޕޯޓުން ހިންގި މި ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި ހުޅުމާލެ ޕޮލިސް އިސްވެރިންނާއި ޝަހީދު ޢަލީ ސުކޫލުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

އިންސްޕަޔަރިންގ ޔަންގް ލީޑަރސް" ޕްރޮގްރާމަކީ ދަރިވަރުންގެ ކިބައިގައި ރިވެތި އަހުލާގު އަށަގަންނުވައި، ދަރިވަރުންގެ މެދުގައި ލީޑަޝިޕް ހުނަރުތަކާއި އިސްނެގުމުގެ ރޫހު އާލާކުރުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހާއްސަކޮށްފައިވަނީ ސުކޫލުތަކުގެ ސްޓޫޑެންޓް ލީޑަރުންގެ ގޮތުގައި ހޮވިފައިވާ ދަރިވަރުންނަށެވެ.
މި ޕްރޮގްރާމުގެ މަގުސަދަކީ ތައުލީމީ މަރުހަލާ ނިންމައި އަމަލީ މައިދާނަށް ނުކުންނަ ދަރިވަރުންނަކީ އަމިއްލަ ނަފުސަށް އިތުބާރު އޮތް، ހަރުދަނާ އަދި ގައުމަށް ފައިދާހުރި ބަޔަކަށް ހެދުމެވެ.

ޝަހީދު ޢަލީ ސުކޫލުގެ 70 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި މި ޕްރޮގްރާމުގައި ގައުމިއްޔަތާ ގުޅޭ މައުލޫމާތު ދިނުމާއި، ނަމާދަަށް ފަރުވާތެރިވުމަށާއި، ގަޑިއަށް ފަރުވާތެރިވުމަށާއި، ޒިންމާދާރު، ނަމޫނާ ދަރިވަރަކަށްވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ލީޑަރޝިޕް ސެޝަންގެ އިތުރުން ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ޓީމް ބިލްޑިންގ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން، ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތައް ހިނގާގޮތާއި، މުއައްސަސާގައި ހުރި ތައުލީމާއި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދީފައިވެއެވެ.
މިއީ ދަރިވަރުންގެ ކުރިމަގު ބައްޓަންކުރުމަށް އެހީތެރިވެދިނުމަށާއި، ކުށުގެ ވެށިން ދުރުވެ، މުޖުތަމައާ ގުޅިގެން މަސައްކަތްކުރާނެ ހުނަރުވެރި ލީޑަރުންތަކެއް އުފެއްދުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.