
ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓުން މާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް ދުޅަހެޔޮ ދިރިއުޅުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ޖުލައި 13 ވަނަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.
"ވިލުންތެރި ދިރިއުޅުން" ގެ ނަމުގައި ބޭއްވި މި ސެޝަނަކީ މުޖުތަމައުގެ ތަފާތު ފަރާތްތަކަށް އަމާޒުކޮށްގެން ރައްކާތެރި، ދުޅަހެޔޮ އަދި މިނިވަން ދިރިއުޅުމަކަށް މަގުފަހިކޮށްދޭ އާދަތަކާގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ވިކްޓިމް ސަޕޯޓުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ސެޝަނެކެވެ.

މި ސެޝަންގައި، ޖިސްމާނީ އަދި ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ކަންތައް ކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކުރެވިފައިވެއެވެ. އަދި އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އިސްރަށްވެހިންނަށް އަމަލުކުރެވިދާނެ ގޮތްތައް ވެސް ސެޝަންގައި ކިޔައިދީފައިވެއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޝައުގުވެރި ތަފާތު ހަރަކާތްތަކާ އެކުގައެވެ. މި ސެޝަނުގައި ޖުމުލަ 25 އިސްރަށްވެހިން ބައިވެރިވެފައިވެއެވެ.
މި ސެޝަން ނަންގަވާދެއްވީ ވިކްޓިމް ސަޕޯޓް އޮފިސަރުން ކަމުގައިވާ ސާޖަންޓު އާއިޝަތު ޝައްފައާ އާއި އެސިސްޓަންޓް ޕޮލިސް ސަރވިސް އެޑްމިނިސްޓްރޭޓިވް އޮފިސަރ މަރިޔަމް ޒަހުވާއެވެ.