
ސ. ފޭދޫ "ސިޓީ އޮޓޯ ގަރާޖު" ފިހާރައިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި، މައްސަލަ ހުށަހެޅުނުތާ 24 ގަޑިއިރު ތެރޭގައި ފުލުހުން ހޯދައި، އެ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ޖުލައި މަހުގެ 13 ވަނަ ދުވަހު އެ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ތުހުމަތުކުރެވޭ މީހުންނާއި ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެ މަސައްކަތުގެ ތެރެއިން، މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:47 ހާއިރު ސ. މަރަދޫއިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމަށްފަހުއެވެ. އެ މީހުން ދުއްވި ސައިކަލުގެ މަޑިދަށުން ވައްކަން ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދަތްދަގަނޑަކާއި ދަބަހެއް ފެނިފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ސ. ހިތަދޫގައި ދިރިއުޅޭ ގެތައް، އެ ގޭގޭގެ ވެރިފަރާތުގެ ހުއްދައާއެކު ފުލުހުން ބަލައިފާސްކުރިއިރު، އެ ފިހާރައިން ވަގަށް ނަގާފައިވާ އަގުބޮޑު ގިނަ ތަކެތި ވަނީ ފެނިފައެވެ. ފެނުނު ތަކެތީގެ ތެރޭގައި 4 ކަރަންޓު ބުރުމާ، 1 ގްރޭންޑަރު، 1 ޓެބްލެޓް، 1 މޮބައިލް ފޯނު، ކަޓަރުތަކެއްގެ އިތުރުން އެ ފިހާރައިގެ ކޭޝް ޑްރޯވަރާއި ތަޅުދަނޑިތަކެއް ހިމެނެއެވެ. މި ތަކެތި މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ފޯޓްރެސް، އަޙްމަދު ފަރީދު (42އ) އާއި ސ. ހިތަދޫ، ހިންދޫރަމާގެ، ޙުސައިން ރަޝީދު (42އ) އެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 13 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.